އުމުރުން އެންމެ ފަސް އަހަރުގެ ކުޑަ ފިރިހެން ކުއްޖަކަށް ބޮޑެތި އަނިޔާތަކެއް ކުރުމުގެ މައްސަލައިގައި އެކުއްޖާގެ މަންމަ އިއްޔެ ހައްޔަރުކޮށްފިއެވެ.
މާލެއިން އިއްޔެ ހައްޔަރު ކުރި، އުމުރުން 27 އަހަރުގެ އެއަންހެން މީހާއަކީ ފިރިމީހާއާއި ވަކި ދިރިއުޅޭ އަންހެނެކެވެ. އެކުޑަ ކުއްޖައަކީ އޭނާގެ ހުރި ހަމައެކަނި ދަރިފުޅެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެއަންހެންމީހާ ވަނީ އެކުއްޖާގެ ބުރަކައްޓާއި މޫނުމަތީގައި ތަޅާ ވަރަށް ބޮޑަށް އަނިޔާކޮށްފައެވެ. ކުއްޖާއަށް އަނިޔާކުރާ ކަމުގެ މައުލޫމާތު ލިބުމާއެކު ފުލުހުން އެތަނަށް ގޮސް އެކުއްޖާ ހޮސްޕިޓަލަށް ގެންދިޔައިރު ކުއްޖާގެ ހާލު ސީރިއަސްކަން ވެސް އެނގިފައިވެއެވެ.
އެނގިފައިވާ ގޮތުގައި، މީގެ ކުރިންވެސް އެއަންހެން މީހާ އޭނާގެ ދަރިފުޅަށް އަނިޔާ ކޮށްގެން ފުލުހުން އެމައްސަލަ ތަހުގީގު ކޮށްފައިވެއެވެ. އިއްޔެ އޭނާ ހައްޔަރުކޮށް، އޭނާގެ ބަންދުގެ މުއްދަތަށް 10 ދުވަސް ކްރިމިނަލް ކޯޓުން ޖަހާފައިވެއެވެ.
އަނިޔާ ލިބުނު ކުޑަ ކުއްޖާ ޖެންޑާ މިނިސްޓްރީން މިހާރު ވަނީ އެހެން މީހަކާ ބަލަން ހަވާލު ކޮށްފައެވެ.