ޝައިޚް ޢަލީ ޒައިދުގެ "ލައިސަންސް" އަލުން ދޫކުރައްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 2ސ
ޝައިޚް ޢަލީ ޒައިދުގެ "ލައިސަންސް" އަލުން ދޫކުރައްވައިފި


ރައްޔިތުންގެ ދީނީ ހޭލުންތެރިކަން އިތުރުކުރެއްވުމަށް ގިނަގުނަ މަސައްކަތްޕުޅުތަކެއް ކުރައްވަމުން ގެންދަވާ އައްޝައިޚް ޢަލީ ޒައިދުގެ "ލައިސަންސް" އިސްލާމިކް މިނިސްޓްރީން އަލުން ދޫކުރައްވައިފިއެވެ.

މިއަދު ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޝައިޚް ޢަލީ ޒައިދުގެ ހުއްދަ ހިފެހެއްޓި ސަބަބަކީ ކުޑަހުވަދޫގައި އަމިއްލަ ފަރާތަކުން ބިނާކުރި މިސްކިތެއް ހުޅުއްވައިދެއްވި ކަމަށް ކުރި ދޮގު ތުހުމަތެކެވެ. އެ މިސްކިތް ވަގުތީ ގޮތުން ނަމަވެސް ހުޅުއްވައި ދެއްވީ ޝައިޚް ޢަލީ ޒައިދެއް ނޫނެވެ. ޝައިޚް މިސްކިތަށް ވަޑައިގަތީވެސް މިސްކިތް ހުޅުވައި ބަނގިގޮވައި ނަމާދުކުރަން ތިއްބައެވެ. ޝައިޚް ކުރެއްވެވި ކަމަކީ ނަމާދަށްފަހު މިސްކިތުގައި ދަރުސެއް ދެއްވުމެވެ.

ކުޑަހުވަދޫ ކައުންސިލުގެ ނައިބް ރައީސް ޢަލީ ސައުދު ވިދާޅުވީ އެ މިސްކިތުގެ ބައެއް މަސައްކަތްތައް މިހާރުވެސް ދަނީ ކުރަމުން ކަމަށާއި މިސްކިތުގެ މަސައްކަތްތައް ނިމުމުން ކައުންސިލާއި ޙަވާލުކުރާނެ ކަމަށެވެ. "އެއީ ކުރިންވެސް މިސްކިތެއް ހުރިތަނެއް. ރޯދަމަހު ބާރު ބޮޑުވީމާ ވަގުތީގޮތުން ހުޅުވައި ނަމާދުކުރަން ފެށީ. އެދުވަހު ޝައިޚް ޒައިދު ދެއްވީ ދަރުސެއްވެސް ނޫން. ހަމައެކަނި މިސްކިތް ބިނާކުރުމުގެ މުހިންމުކަމުގެ މައްޗަށް ވާހަކަކޮޅެއް ދައްކަވައިލެއްވީ. ދަރުސެއް ދޭނަމަ މިރަށުގަ އެކަން ކުރާނީ ކުރިއާލައި އެކަން އިޢުލާނުކޮށް ވަރަށް ފުރިހަމަ އިންތިޒާމެއްގެދަށުން." ކަމަށްވެސް ޢަލީ ސަޢުދު ވިދާޅުވިއެވެ.

ޝައިޚް ޢަލީ ޒައިދާއިއެކު މިނިސްޓްރީގެ އިސް ބޭފުޅުން ބޭއްވެވި ބައްދަލުކުރެއްވުމުގައި ޝައިޚުގެ ބައެއް ޓްވީޓްތަކުގެ ސަބަބުން އެއްބައިވަންތަކަމަށް ބުރޫއަރާކަން ވަނީ ފާހަގަކުރައްވައިފައެވެ.

ގިނަބައަކަށް ޝައިޚް ޢަލީ ޒައިދު ފާހަގަކުރެވިފައިވަނީ އަބަދުވެސް ޙައްޤަށް ކަންކަން ހާމަކުރައްވައި އެއްވެސް ޖެހިލުންވެވަޑައިގަތުމެއްނެތި ދީނުގެ ޙުކުމްތައް ހާމަކުރައްވަމުން ގެންދަވާ ދީނީ ޢިލްމުވެރިއެއްގެ ގޮތުގައެވެ. ރޯދަމަސް ފެށުނުތަނާ ޝައިޚުގެ ހުއްދަ ހިފެހެއްޓުމުން ރަމަޟާން މަހު ދެއްވަން ހަމަޖެހިފައިވާ ގިނަ ދަރުސްތަކެއް ވަނީ ނުދެއްވިފައެވެ. މިކަމުގެ ސަބަބުން ބައެއް ރަށްރަށުން ވަނީ ކަންބޮޑުވުން ފައުޅުކޮށްފައެވެ.

ޝައިޚް ޢަލީ ޒައިދު ވަނީ މިކަމުގައި އެހީތެރިވެދެއްވި ހުރިހާ ފަރާތްތަކަށާއި އުނދަގޫ ދަނޑިވަޅުގައި ހިއްވަރު ދެއްވި އެންމެހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވައިފައެވެ.
މިއަދު އޮންލައިން