މިއަދުން ފެށިގެން މިމަހުގެ 27 ގެ ނިޔަލަށް ޗަމްޕާ ސެންޓްރަލް ހޮޓަލުގައި ކުރިއަށްދާ މިޕްރޮގްރާމަކީ އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކް (އައިޑީބީ) ގެ އިސްލާމިކް ރިސާޗް އޮފް ޓްރެއިނިން އިންސްޓިޓިއުޓް (އައިއާރްޓީއައި) އާއި ގުޅިގެން ބާއްވާ ޕްރޮގްރާމެކެވެ.
ސީއެމްޑީއޭ ގެ ފަރާތުން ފަށާފައިވާ މިޕްރޮގްރާމްގެ ބައިވެރިންނަށް މައުލޫމާތު ދެއްވާނީ އިސްލާމިކް ފިނޭންސް އަދި ކެޕިޓަލް މާކެޓް ގެ ރޮނގުން ރާއްޖޭގެ އިތުރުން ބައިނަލްއަގުވާމީ ގޮތުން އަގުހުރު މަސައްކަތްތަކެއް ކޮށްދެއްވަމުން ގެންދަވާ ފުންނާބު އުސް ފަރާތެއް ކަމުގައިވާ އައިޝަތު މުނީޒާ އާއި އައިއާރްޓީއައި ގެ ފަރާތުން އިސްލާމިކް ފިނޭންސްގެ ތަޖުރިބާކާރު ފަރާތެއް ކަމުގައިވާ ޑރ. އުސްމާން ބަބިކްރު އެވެ.
ޓްރެއިނިން އޮން އިސްލާމިކް ކެޕިޓަލް މާކެޓް ޕްރޮގްރާމް ހުޅުވުމުގެ ރަސްމިއްޔާތަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ސީއެމްޑީއޭ ގެ ސީއީއޯ ނާދިޔާ ޙަސަން ވިދާޅުވީ، މިތަމްރީނު ޕްރޮގްރާމްގެ މައިގަނޑު މަޤްސަދަކީ ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތައް އިސްލާމިކް ކެޕިޓަލް މާކެޓަށް ޝައުގުވެރި ކުރުމާއި އެފަރާތްތައް އެދާއިރާއަށް ހޭލުންތެރި ކުރުވުން ކަމަށެވެ.