ރިޔާސީ އިންތިޚާބުގެ ބަޖެޓް ވަނީ ކަނޑައެޅިފަ- އިންތިޚާބު ލަހެއް ނުވާނެ: އިލެކްޝަންސް ކޮމިޝަން
ރިޔާސީ އިންތިޚާބުގެ ބަޖެޓް ވަނީ ކަނޑައެޅިފައި ކަމަށާއި ބަޖެޓުގެ މައްސަލައެއް ކުރިމަތިވެގެން ނުވަތަ އެނޫންވެސް ސަބަބަކާއިހުރެ މިއަހަރުގެ ރިޔާސީ އިންތިޚާބު ލަސްނުކުރާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެކޮމިޝަނުން މިއަދު ބުނީ ރިޔާސީ އިންތިޚާބުގެ ޤާނޫނުގައި ބުނާ ފަދައިން އިންތިޚާބަށް ލެންޕޭނު ކުރުމަށް 30 ދުވަހުގެ ފުރުޞަތު ދޭނެ ކަމަށާއި ނަމަވެސް އެފުރުޞަތު ހުޅުވާލާނީ ކެންޑިޑޭޓުން ކުރިމަތިލައި ނިމި އަދި ނަންތައް ތަރުތީބުވެސް ކުރުމަށްފަހުގައި ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުގެ ރައީސް ޝަރީފް ވިދާޅުވީ ޤާނޫނާއި ޚިލާފަށް އިލެކްޝަންސް ކޮމިޝަނުން އެއްވެސް ކަމެއް ނުކުރާނެ ކަމަށާއި ރާއްޖެތެރޭގެ ރަށްރަށުގެ ވޯޓު ފޮށިތައް ގުނަން މާލެ ގެންނާނެ ކަމަށް ދެކެވެނީ ދޮގުވާހަކަތަކެއް ކަމަށެވެ.
ޝަރީފް ވިދާޅުވީ އިންތިޚާބު ބާއްވާ ތަނެއްގައި ވޯޓު ގުނުމަކީ ޞައްޙަކަން ކަށަވަރުކުރަން ވަރަށް މުހިންމު ކަމެއް ކަމަށެވެ. އެހެންކަމުން އެކަން ބަދަލުކުރަން އެކޮމިޝަނުން ތާއީދު ނުކުރާނެ ކަމަށާއި ނަމަވެސް އެފަދަ ޤާނޫނެއް ފާސްކޮށްފިނަމަ އެ ޤާނޫނަކަށް އަމަލުކުރާނެ ކަމަށެވެ.
ޝަރީފް ވިދާޅުވީ އެއްވެސް ޕާޓީއަކުން ޤާނޫނާއި ހިންގާ ސިޔާސީ ހަރަކާތެއް ހުއްޓުވަން އެކޮމިޝަނުން ފުލުހުންނަށް ނުއަންގާނެ ކަމަށާއި ނަމަވެސް ޤާނޫނާއި ޚިލާފަށް ކުރާ ކަމެއް ހުއްޓުވަން ފުލުހުން އަޅާ ފިޔަވަޅަކަށް އެކޮމިޝަނަށް ކުރެވޭނެ އެއްވެސް ކަމެއް ވެސް ނުއޮންނާނެ ކަމަށެވެ.
ފުލުހުން ހުއްޓުވަނީ ޤާނޫނާއި ޚިލާފަށް ކުރާ ކަންކަން ކަމަށާއި ފުލުހުންނާއި މަޝްވަރާނުކޮށް ޢާންމުންނަށް ދަތިވާ ގޮތަށް ކުރާ ކަންކަން ކަމަށް ފުލުހުން ބުނެފައިވާ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ އިންތިޚާބާއި ގުޅިގެން ކުރަންޖެހޭ ބައެއް ކަންކަން ކުރުމުގެ ތާރީޚަށް ބަދަލު އަތުވެދާނެ ކަމަށާއި ނަމަވެސް އިންތިޚާބު ބާއްވަން ކަނޑައެޅިފައިވާ ކަމަށްވާ 23 ސެޕްޓެމްބަރަށްވުރެ އިންތިޚާބު ލަސްނުވަނެ ކަމަށެވެ.