"ޓޫ ސްޓޭޓް ސޮލިޔުޝަން" ނޫން ގޮތަކަށް ފަލަސްޠީނުގެ މައްސަލަ ހައްލެއް ނުކުރެވޭނެ: ސައުދިޢަރަބިޔާ
"ޓޫ ސްޓޭޓް ސޮލިޔުޝަން" ނޫން ގޮތަކަށް ފަލަސްޠީނުގެ މައްސަލަ ހައްލު ނުކުރެވޭނެ ކަމަށް ސައުދިޢަރަބިޔާ އިން ބުނެފިއެވެ.
އދގެ ސެކިޔުރިޓީ ކައުންސިލުގައި އިއްޔެ ސައުދީ މަންދޫބު ވިދާޅުވީ ފަލަސްޠީނުގެ މައްސަލަ ހޫނުވަމުން ގޮސް މިހާރުވެސް މިވަނީ އަތްނުފޯރާ ހިސާބަށް ގޮސްފައި ކަމަށާއި މައްސަލައަށް ޑާއިމީ ހައްލެއް މިހާރުން މިހާރަށްވެސް ބޭނުންވެފައިވާ ކަމަށެވެ.
އިއްޔެގެ ބައްދަލުވުމުގައި އަރަބި ޤައުމުތަކުން ބުނެފައިވަނީ އިޒްރޭލު ބޭނުންވާހައި ގޮތަކަށް މައްސަލަތައް ހައްލުކުރަން އުޅެގެން އެއްވެސް ކަމެއް ޙައްލު ނުކުރެވޭނެ ކަމަށާއި ކަންކަން ހައްލުކުރެވޭނީ ފަލަސްޠީނަށް ވެސް ބަލައިގަނެވޭނެ ގޮތަކަށް ނިންމުންތައް ނިންމައިގެން ކަމަށެވެ.
ސައުދިއަރަބިޔާއިން ވަނީ ސީރިޔާގެ މައްސަލައަށްވެސް އަވަސް ޙައްލެއް ހޯދުމުގެ މުހިންމުކަން ފާހަގަކޮށްފައެވެ. ސައުދިއަރަބިޔާއިން ބުނަނީ އެތައް މިލިއަން ރިފިޔުޖީން މިހާރު ވެސް ތިބީ ވަރަށް ނިކަމެތި ހާލެއްގައި ކަމަށާއި ދުނިޔޭގެ އެހީތެރިކަން ނުލިބި ކޭމްޕުތަކުގެ ކަންކަން މެނޭޖް ނުކުރެވޭނެ ކަމަށެވެ.