ވޯޓު ގުނާ އަދި ވޯޓުގެ ނަތީޖާ އިއުލާނު ކުރާނީވެސް، ޤާނޫނުގައިވާ ގޮތުގެ މަތިން ވޯޓުލާ މަރުކަޒުގައި ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވެއްޖެއެވެ.
އެކޮމިޝަނުން މިއަދު ބެއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝަރީފު ވިދާޅުވީ، ވޯޓު ގުނުމަށް މާލެ އަށް ވޯޓު ފޮށިތައް ގެންނަ ވާހަކައަކީ ރަނގަޅު ވާހަކަތަކެއް ނޫން ކަމަށާއި އެކަމާއި ގުޅޭގޮތުން އެއްވެސް ވަރަކަށް އީސީއިން ވާހަކަ ދައްކާފައި ނުވާނެ ކަމަށެވެ.
މީގެއިތުރުން ޝަރީފު ވިދާޅުވީ އިންތިހާބާއި ބެހޭ ގާނޫނުތަކަށް ހުށަހަޅާފައިވާ ގިނަ އިސްލާހުތަކަކީ އިލެކްޝަންސް ކޮމިޝަނާއި އެކު މަޝްވަރާކޮށްފައިވާ އިސްލާހުތަކެއް ކަމަށާއި ނަމަވެސް ވޯޓު ގުނުމުގެ ކަންކަން އިސްލާހު ކުރުމަށް އީސީ އާއެކު އެއްވެސް މަޝްވަރާއެއް ކުރެވިފައި ނުވާ ކަމަށެވެ.