ހދ. ނޮޅިވަރަމް/ ކިނާރާ ގައި މިއަހަރުގެ މާރޗް މަހުގެ ދެވަނަ ދުވަހު މަރުވެފައި ހުއްޓާ ފެނުނު ޝާހިދާ އަލީގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި އޭނާގެ ފިރިމީހާ،އަބޫބަކުރު އިސްމާއިލް، ދޫކޮށްލައިފިއެވެ.
މިކަމާއި ގުޅިގެން ފުލުހުން މައުލުމާތު ދެމުން ބުނެފައިވަނީ، ޝާހިދާގެ މަރުގެ މައްސަލައިގައި ހައްޔަރު ކުރި މީހާ ދޫކޮށްލާފައިވާ ކަމަށާއި ދޫކޮށްލިތާ ދުވަސްކޮޅެއް ވެއްޖެ ކަމަށެވެ. އޭނާ ދޫކޮށްލީ ކީއްވެކަމާއި ދޫކޮށްލި ދުވަހެއް އަދި އެނގިފައެއް ނުވެއެވެ.
މިމައްސަލައިގައި ހައްޔަރު ކުރި މީހާ ދޫކޮށްލާފައިވީ ނަމަވެސް، މިމައްސަލަ އަދިވެސް އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށާއި، އެހެންކަމުން މައްސަލައާއި ގުޅޭގޮތުން އިތުރު ތަފްސީލެއް ދެވެން ނެތް ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
އުމުރުން 41 އަހަރުގެ ޝާހިދާ، އޭނާ ދިރިއުޅެމުންދިޔަ ގޭގައި ދަންޖެހިގެން ހުއްޓާ އެންމެ ފުރަތަމަ ފެނިފައިވަނީ ވެސް އޭނާގެ ފިރިމީހާއަށެވެ. އޭނާ މަރުވީ އަމިއްލައަށް ކަމަށް އެއިރު މަންޒަރު ފެންނަން ހުރި ނަމަވެސް، ޝާހިދާގެ މަރާއިމެދު ސުވާލު އުފެދޭތީ، އޭނާގެ ހަށިގަނޑުގެ ޕޯސްޓްމޯޓެމް ހެދުމަށް އިންޑިއާ އަށް އޭނާގެ ހަށިގަނޑު ފޮނުވިއެވެ.