މިކަމުގެ ރަސްމިއްޔާތުގައި ހެލްތް މިނިސްޓަރ ޢަބްދުﷲ ނާޒިމް ވިދާޅުވީ 25 ބުރީގެ އިމާރާތް ނިމެމުން އަންނައިރު އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ ތަމްރީނު ލިބިގެން ތިބި ދިވެހި ޑޮކްޓަރުން އެކަށީގެންވާ އަދަދަކަށް ނެތުން ކަމަށެވެ.
"އަވަށްޓެރި ސްރީލަންކާ އާ އިންޑިއާއިން އެމްބީބީއެސް އަށް ކިޔެމުމުގެ ފުރުޞަަތު މިހާރު ނުލިބޭކަމަށް ވެސް ދެންނެވިދާނެ. އަދި އެއީ އެކަމަށް އެ ޤައުމުތަކުގައި އޮތް ޑިމާންޑް ބޮޑުކަމުން ކަމަށްވެސް ވެދާނެ. ވީމާ މި އެއްބަސްވުމުގެދަށުން މެލޭސިޔާގައި އެމްބީބީއެސް އަށް ކިޔެވުމުގެ ފުރުޞަތު ލިބިގެންދާނެ. އަދި މަތީ ތަމްރީނު ހޯދުމުގެ ފުރުޞަތުވެސް ލިބިގެންދާނެ. ހަމައެއާއެކު މިއަދު ވެވުނު އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ މެޑިކަލް ކޮލެޖު ހިންގަން ފެށުމުންވެސް އެހީތެރިކަން ލިބޭނެ." ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.
އައިޖީއެމްއެޗްގެ މުވައްޒިފުންނަށް ކޯސްތައް ހިންގައި ތަމްރީނުކުރުމަށް މެލޭސިޔާގެ ކެބަންގްސާން ޔުނިވަރސިޓީން އެހީތެރިވެދޭނެ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ މި ސަރުކާރަކީ މީހުން ބިނާ ކުރުމަށް ވަރަށް ބޮޑު ސަމާލުކަމެއް ދެމުން ގެންދާ ސަރުކާރަކަށްވާތީ މިސަރުކާރުން ކުރި މަސައްކަތްތަކުން ދިވެހި 50 ޑޮކްޓަރަކު މަތީ ތައުލީމު ހާޞިލުކުރަން ފުރުޞަތު ހޯދާދީފައިވާ ކަމަށާއި އެއިގެ ތެރެއިން ބައެއް ޑޮކްޓަރުން އެނބުރި އައިސް މިހާރު ޚިދުމަތްވެސް ކުރަމުން ގެންދާ ކަމަށެވެ.