ސްޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަނުކޮށް އުއްތަމަ ފަނޑިޔާރަކު އައްޔަނު ކުރީ ކުރިން ތިބި ފަނޑިޔާރުންގެ މަޤާމު ނުގެއްލެނީސް: ޢަލީ ޙުސައިން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 33ސ
ސްޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަނުކޮށް އުއްތަމަ ފަނޑިޔާރަކު އައްޔަނު ކުރީ ކުރިން ތިބި ފަނޑިޔާރުންގެ މަޤާމު ނުގެއްލެނީސް: ޢަލީ ޙުސައިން
ރައްޔިތުންގެ މަޖިލީހުން ޖަލްސާއެއް ބާއްވައި ސްޕްރީމް ކޯޓަށް 2 ފަނޑިޔާރުން އައްޔަނުކޮށް އުއްތަމަ ފަނޑިޔާރަކު އައްޔަނު ކުރީ ކުރިން ތިބި ފަނޑިޔާރުންގެ މަޤާމު ނުގެއްލެނީސް ކަމަށް ކެންދޫ ދާއިރާގެ މެންބަރު، ޤާނޫނީ ވަކީލް ޢަލީ ޙުސައިން ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ޖަލްސާއަށްފަހު އިދިކޮޅު ފަރާތްތަކުގެ ޕީޖީ މެންބަރުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޢަލީ ޙުސައިން ވިދާޅުވީ އުއްތަމަ ފަނޑިޔާރު ކަމުގައި ހުންނެވި ޢަބްދުﷲ ސަޢީދު އާއި ފަނޑިޔާރު ޢަލީ ޙަމީދުގެ މައްޗަށް ކޮށްފައިވާ ޙުކުމް ސްޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން މައްސަލަ ބަލައި ނުގަންނަން ނިންމީ އެކޯޓުގެ ރަޖިސްޓްރާރ ކަމަށެވެ.

ޢަލީ ޙުސައިން ވިދާޅުވީ ޢަބްދުﷲ ސަޢީދު އާއި ޢަލީ ޙަމީދުގެ ފަނޑިޔާރުކަން ގެއްލޭނީ އެކަމަށް ނިހާއީ ހުކުމެއް އިއްވުމުން ކަމަށާއި ނިހާއީ ޙުކުމެއް އިއްވަންޖެހޭނީ ފަނޑިޔާރުން ކަމަށެވެ. އަދި ރަޖިސްޓްރާރގެ ނިންމުން އިސްތިއުނާފްކުރުމުގެ ފުރުޞަތު އޮންނަ ކަމަށާއި އެ މައްސަލަ ވަނީ އިސްތިއުނާފްކޮށްފައި ކަމަށެވެ. އިސްތިއުނާފްކޮށްފައި އޮއްވައި އެކަމަށް ގޮތެއް ނުނިންމާހައި ހިނދަކު ޤާނޫނުގައި ބަޔާންކުރާ ނިހާއީ ޙުކުމެއް އިއްވި ކަމަށް ޤަބޫލުފުޅު ނުކުރައްވާ ކަމަށެވެ.

ޢަލީ ޙުސައިން ވިދާޅުވީ މިރޭގެ މަޖިލީހުގެ ޖަލްސާގައި އިދިކޮޅު މެންބަރުންވެސް ބައިވެރިވެ ބަހުސް މަރުހަލާގައި އެމެންބަރަކަށް ފެންނަ ގޮތަކަށް ވާހަކަ ދައްކައި އެ މެންބަރަކަށް ފެންނަ ގޮތަކަށް ވޯޓު ދިނުމަށް ޖުމްހޫރީ ޕާޓީގެ ޕީޖީ ލީޑަރު ޤާސިމް އިބްރާހީމް އެދިވަދައިގަތުމުން އެ މައްސަލަ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕަށް ހުށަހެޅުނު ކަމަށެވެ. ނަމަވެސް އެގޮތަކަށް މެންބަރުން އަމަލުނުކުރީ އެކަމަށް ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕުގެ މެންބަރުންގެ ތާއީދު ނުލިބުމުން ކަމަށެވެ.

ޢަލީ ޙުސައިން ވިދާޅުވީ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕުން ކަންކަން ކުރަން ނިންމަނީ ވަރަށް ރަނގަޅަށް މަޝްވަރާކޮށް އެއްބަސްވެވޭ ގޮތެއްގެމަތިން ކަމަށެވެ. އަދި މިރޭގެ ޖަލްސާގައިވެސް އިދިކޮޅު މެންބަރުން ބައިވެރި ނުވީ ޖަލްސާތަކުގައި އިދިކޮޅު މެންބަރުން ބައިވެރިނުވަން ފެށި ސަބަބު އަދިވެސް އެގޮތަށް އޮތުމުން ކަމަށެވެ. "އަޅުގަނޑުމެން ޤަބޫލުކުރަނީ 43 މެންބަރުން ސޮއިކޮށް މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދި ހިސާބުން މަޖިލީހުގެ ރައީސްގެ ގޮނޑި ގެއްލިފައިވާކަމަށް. އެހެންކަމުން އެމަނިކުފާނު ރިޔާސަތުގައި އިންނަވައިގެން ބާއްވަމުން ގެންދަނީ ޣައިރު ޤާނޫނީ ޖަލްސާތަކެއް ކަމަށް އަޅުގަނޑުމެން ޤަބޫލުކުރަނީ." ޢަލީ ޙުސައިން ވިދާޅުވިއެވެ.

ޢަލީ ޙުސައިން ވިދާޅުވީ 12 މެންބަރުންގެ ގޮނޑީގެ މައްސަލައިގައި އަދިވެސް ސްޕްރީމް ކޯޓުން ގޮތެއް ނުނިންމާ ކަމަށެވެ. ހަމައެއާއިއެކު އެތައް ބައިވަރު މެންބަރުން ވަނީ ޖަލަށްލާފައި ކަމަށެވެ.

ޢަލީ ޙުސައިން ވިދާޅުވީ މަޖިލީހުން މިރޭ ނިންމި ނިންމުމަކީ ވެސް ޣައިރު ޤާނޫނީ ނިންމުންތަކެއް ކަމަށާއި އިދިކޮޅު މެންބަރުން ޖަލްސާގައި ބައިވެރިނުވީ ބައަކު ކުރާ ޣައިރު ޤާނޫނީ ކަމެއްގައި ޤާނޫނީ ކުލަލައިދިނުމަށް އިދިކޮޅު މެންބަރުން ބޭނުން ނުވާތީ ކަމަށެވެ.

ޢަލީ ހުސައިންގެ ވާހަކަފުޅު:
މިއަދު އޮންލައިން