ސްޕްރީމްކޯޓަށް އިތުރު ފަނޑިޔާރުން އައްޔަނުކުރުމުގެ މައްސަލަ މަޖިލީހުގެ ކޮމިޓީއަށް ހުށަހެޅުނީ މިއަދު ކަމަށާއި ހުށަހެޅިއިރު އެ ފަނޑިޔާރުންގެ ވަނަވަރުވެސް މެންބަރުންނަށް ލިބިފައި ނުވާކަމަށް މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ޖަލްސާއަށްފަހު އިދިކޮޅު މެންބަރުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރޮޒައިނާ ވިދާޅުވީ ކިތަންމެ އާދައިގެ ފެންވަރުގެ މަޤާމަކަށް މީހަކު އައްޔަނުކުރަން ނަމަވެސް މީގެކުރިން ކޮމިޓީއަށް ހުށަހަޅާއިރު އެމީހެއްގެ ވަނަވަރު ލިބޭ ކަމަށާއި މި ބޮޑު ނިންމުން ކޮމިޓީން މިއަދު ނިންމިއިރު އެވަރުވެސް ނުވާ ކަމަށެވެ.
ރޮޒައިނާ ވިދާޅުވީ މަޖިލީހުން މިރޭ ކުރި ކަމަކީ ސްޕްރީމް ކޯޓުގެ ބެންޗުގައި ފަނޑިޔާރުން ތިއްބައި އެ ފަނޑިޔާރުންގެ އުނގުގައި އިތުރު ބައަކު ގެންގޮސް ބެއިންދުން ފަދަ ކަމެއް ކަމަށެވެ.
"މިއީ 18 ވަނަ މަޖިލީހުން ޢާންމުކޮށް ފެންނަމުން އަންނަ ކަމެއް. އޮޑިޓަރ ޖެނެރަލަކު ހުންނަވަނިކޮށް ވަނީ އޮޑިޓަރ ޖެނެރަލުވެސް އައްޔަނުކޮށްފަ. ކުރިން ވެސް ފެނުނީ ހަމަ ޤާނޫނީ ގޮތުން ފުރިހަމަކުރަންޖެހޭ އިޖުރާތުތައް ފުރިހަމަ ނުކޮށް އުއްތަމަ ފަނޑިޔާރަކު އައްޔަނުކުރެވިގެންދިއަތަން. މިއަދުވެސް ފެނިގެން މިދިއައީ ހަމަ އެފަދަ މަންޒަރެއް. 85 މެންބަރުން ތިބޭ ރައްޔިތުންގެ މަޖިލީހެއްގައި އެންމެ 36 މެންބަރުންގެ ވޯޓުން އުއްތަމަ ފަނޑިޔާރަކު އައްޔަނުކުރެވިއްޖެ ކަމަށް ބުނުމަކީ ލަދުގަންނަން ޖެހޭނެ ކަމެއް."
ރޮޒައިނާ ވިދާޅުވީ މަޖިލީހުގެ މިރޭގެ ޖަލްސާއަކީ ވެސް ޤާނޫނާއި އެއްގޮތަށް ބޭއްވި ޖަލްސާއެއް ކަަމަށް ޤަބޫލުފުޅު ނުކުރައްވާ ކަމަށެވެ. "މަޖިލީހުން ކަމެއް ނިންމަން ބޭނުންވާ އެންމެ ކުޑަމިންވަރު، ސިމްޕަލް މެޖޯރިޓީ ވެސް ނުލިބި ނިންމާފައިވާ ނިންމުމެއް ކަމަށްވުމުން ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.
ރޮޒައިނާ ވިދާޅުވީ ރިޔާސީ ނިޒާމަށް ވެރިކަންކުރާ އެމެރިކާގައި ވެސް ވަޒީރަކު ނުވަތަ ފަނޑިޔާރަކު އައްޔަނުކުރާނަމަ އެމީހަކު މަޖިލީހަށް ގެނެސް ދެގަޑިއެއްހާއިރު އެމީހަކާއި އިންޓަރވިޔުކުރާތަން ލައިވްކޮށް ދައްކާ ކަމަށެވެ. އައްޔަނުކުރަނީ ކުރާ އިންޓަރވިޔުގެ މައްޗަށް ކަމަށެވެ.
"މިރޭ ވެސް ފެނިގެން މިދިއައީ ހުސް ނުވާ މަޤާމްތަކަށް ފަނޑިޔާރުން އައްޔަނުކުރިތަން. މިއީ ވަރަށް ހިތާމައާއިއެކު ތާރީޚުގައި ލިޔަންޖެހޭނެ ކަންކަން." ކަމަށްވެސް ރޮޒައިނާ ވިދާޅުވިއެވެ.