މިއަހަރުގެ ރިޔާސީ އިންތިހާބުގެ ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާނެ އޮފިޝަލުން ނެގުމުގައި، އެއްވެސް ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ވޯޓު އޮފިޝަލަކަށް ވުމުގެ ފުރުސަތު ނުދޭން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.
އީސީ އިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައިވަނީ، ސެޕްޓެމްބަރ މަހުގެ 23 ވަނަ ދުވަހު ބާއްވާ އިންތިހާބުގައި ވޯޓުގެ ކަންކަން ކުރުމަށް 4000 އަށްވުރެ ގިނަ އޮފިޝަލުން ނަގާނެ ކަމަށާއި އޭގެ ތެރޭގައި ސިޔާސީ ޕާޓީއެއްގައި ހިމެނޭ އެއްވެސް މީހަކު ބައިވެރި ނުކުރާނެ ކަމަށެވެ.
"ވޯޓު އޮފިޝަލެއް ނެގުމުގެ ކުރިން އަޅުގަނޑުމެން ޕާޓީތަކުގެ ދަފްތަރު ޗެކުކޮށް، އެއްވެސް ސިޔާސީ ޕާޓީއެއްގައި ހިމެނޭ މީހަކު ނުނަގާނަން" އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވިއެވެ.