މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ގޮންޖެހުންތައް ގިނަވެފައި ގޮންޖެހުންތައް ބޮޑެތިވެސް ވެދާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަނުގެ ރައީސް ޝަރީފް ވިދާޅުވީ މިއަހަރުގެ ރިޔާސީ އިންތިޚާބުގައި އެފަދަ ކަންކަން ހިނގާފާނެ ކަމަށް ބަލައި އެކަންކަން ޙައްލުކުރުމަށް ކުރިއާލައި ފުލުހުންނާއި ގުޅިގެން މަސައްކަތްކުރަމުން ގެންދާ ކަމަށެވެ.
ޝަރީފް ވިދާޅުވީ ފުލުހުންނާއިއެކު މިއަދު ސޮއިކުރި ފަހުމްނާމާ އަކީ މިފަދަ ކަންކަމަށް އެއްބަސްވުމުގެ އިތުރުން ވޯޓު ފޮށިތައް އެއްތަނުން އަނެއް ތަނަށް އުފުލުމުގައި ފުލުހުންގެ އެހީތެރިކަން ހޯދުމަށް ވެވުނު އެއްބަސްވުމެއް ކަމަށެވެ.
ޝަރީފް ވިދާޅުވީ އިލެކްޝަންސް ކޮމިޝަނަކީ އިންތިޚާބުތައް ބާއްވާ ފަރާތް ނަމަވެސް މައްސަލައެއް ކުރިމަތިވެއްޖެނަމަ ކަންކަން ހައްލުކުރުމަށް ފިޔަވަޅު އެޅުމުގެ ވަސީލަތްތައް ލިބިފައިވާ މުއައްސަސާއަކަށް ނުވާތީ ޤާނޫނުގައި ވެސް ބަޔާންކޮށްފައި އޮންނަނީ އެހެން މުއައްސަސާތަކުގެ އެހީތެރިކަން ހޯދައިގެން ކަންކަން ކުރަން ކަމަށެވެ. "އެހެންވީމާ އަޅުގަނޑުމެން ގެންދާނީ މުއައްސަށާތަކުގެ އެހީތެރިކަން ހޯދަމުން."