މިއަހަރުގެ ރިޔާސީ އިންތިޚާބާއި ގުޅިގެން ފުލުހުން ބަލަހައްޓަންޖެހޭ ކަންކަން ބެލެހެއްޓުމަސްޓަކައި ޖުލައި މަހުގެ ފަހުކޮޅުން ފެށިގެން ރަށްރަށަށް ފުލުހުން ފޮނުވަން ފަށާނެ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނީ ޤާނޫނާ އެއްގޮތަށް ހަރަކާތްތައް ހިންގާ މީޑިއާތަކަށް ވީހާ ފުޅާ ދާއިރާއެއްގައި ފުރުޞަތު ދޭނެ ކަމަށާއި އެފަދަ މީޑިއާތައްގޮވައިގެން ކުރިއަށް ދިއުމަށް މަސައްކަތްކުރާނެ ކަމަށް ފުލުހުން ބުނެފިއެވެ. ހިތުހުރި ހުރިހާ އެއްޗެއް ކިޔައި ހިތަށް އެރިހާ ގޮތަކަށް އަމަލުކުރާ މީޑިއާތައް ނޫން މީޑިއާތަކާއިއެކު ބައްދަލުވުންތައް ބާއްވައި އަމަލުކުރަންޖެހޭ ގޮތުގެ މައުލޫމާތު ދެމުން ގެންދާނެ ކަމަށެވެ.
ފުލުހުން މަސައްކަތްކުރާނީ ފާއިތުވި އިންތިޚާބުތަކުގައި ހިނގާފައިވާ ކަންކަމަށް ބަލައި ފުލުހުން ރަނގަޅުކުރަންޖެހޭ ކަންކަން ރަނގަޅުކުރުމާއިއެކުގައި ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން އެއްބާރުލުން ދެނީ ހަމައެކަނި ޕީޕީއެމުން ހިންގާ ހަރަކާތްތަކަށް ކަމަށް އިޝާރާތްކޮށް ނޫސްވެރިއަކު ކުރި ސުވާލުގެ ޖަވާބުގައި ބުނީ ފުލުހުން އެއްބާރުލުން ދެނީ ޤާނޫނާއި އެއްގޮތަށް ހިންގާ ހަރަކާތްތަކަށް ކަމަށެވެ. އަދި ހުރަސް އަޅަނީ ޤާނޫނާއި ޚިލާފަށް ކުރާ ކަންކަން ކަމަށެވެ.