ޒިމްބާބްވޭ އަށް އުފަން، މުޅި ދުނިޔެއަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ މުފްތީ އިސްމާއިލް މެންކު، އޭނާގެ ދަރުހެއްގައި ދިމާވި ހާދިސާއެއްގެ ވާހަކަ ކިޔާދެއްވިއެވެ.
މުފްތީ މެންކު ވިދާޅުވި ގޮތުގައި އެދުވަހު އޭނާ ވަޑައިގެންނެވީ ކްރިސްޓިއަން ސްކޫލެއްގައި ވާހަކަފުޅު ދައްކަވާށެވެ. އެއީ ހުސް އަންހެން ކުދިން ކިޔަވަމުން ދިޔަ ސްކޫލެއް ކަމުގައި މުފްތީ ވިދާޅުވިއެވެ.
"އެސްކޫލްގެ ދަރިވަރުންގެ ތެރެއިން އެއް ދަރިވަރަކު އަހުރެން ގާތުން އެއްސެވެ.
'ތުނބުޅި ނުބާލަނީ ކީއްވެތޯ؟ ތިޔަފަދަ ބޮޑު ތުނބުޅިއެއް ތިޔަ ބަހައްޓަވަނީ ކީއްވެތޯއެވެ؟ ޔަގީނުންވެސް ތިޔައީ ޠާލިބާނުންގެ މީހެކެވެ.'
އެސުވާލުތައް އަޑުއަހާފައި އެކުއްޖާ އެބުނަނީ އަހުރެންނަކީ ޓެރަރިސްޓެއް ކަމުގައިކަމަށާއި އެއީ އެއްކޮށް ކްރިސްޓިއަން ސްކޫލެއްކަން އަހަންނަށް ވިސްނުނެވެ. އަދި އޭނާއަށް ޖަވާބު ދިނުމުގައި ވަރަށް ސަމާލުވާން ޖެހޭނެކަން ވެސް ވިސްނުނެވެ.
އެމީހުންނާއި ވާހަކަ ދެއްކުމުގައި ރަސޫލާ (ޞޢޥ) ގެ ވާހަކަފުޅު ދައްކައިފިނަމަ، އެމީހުންނަށް އަހަރެން ދައްކާ ވާހަކަ އޮޅިދާނެކަން ވެސް އަހަންނަށް އެނގުނެވެ. އެހެންކަމުން އަހަރެން ބުނީމެވެ.
'އިނގޭ ހެއްޔެވެ؟ އަހަރުމެން (މުސްލިމުން) ތަބައާވަނީ ރަސޫލު ބޭކަލުން ދިރިއުޅުއްވި ގޮތްތަކަށެވެ.
އަހަރެން ޒިމްބާބްވޭ ގެ ވެރިރަށް ހަރާރޭގެ މަގުތަކުން ހިނގާފައި ދާއިރު، ބައެއެް މީހުން އަހަންނާއި ދިމާލަށް އިނގިލި ދިއްކޮށްފައި އެެއޮށް ދަނީ ޢީސާ އަލައިހިއްސަލާމް އޭ ބުނެއެވެ. އެފަދައިން އެމީހުން އެބުނަނީ ކީއްވެކަން އެނގޭ ހެއްޔެވެ؟ އެއީ އަހަރެންގެ ތުބުނޅި ހުރުމުން، ތުބުނޅިއަށް ބަލާފައެވެ. އަހަރެން ޢީސާ އަލައިޙިއްސަލާމް ނުދެކެމެވެ. އެކަލޭގެފާނުގެ ސިފަ ޖައްސަވައިގެން ބުދުފަދަ ތަކެތި ހެދީ ތިޔަބައިމީހުން ނޫން ހެއްޔެވެ؟ އެކަލޭގެފާނުގެ ތުބުނޅި ނެތްތޯއެވެ؟ ހުރިކަމުގައިވާއިރު، ތިޔަބައިމީހުންނަށް އެކަންކަން ކަމުނުދަނީ ކީއްވެތޯއެވެ؟'
އަހަރެންގެ އެޖަވާބު އަޑުއަހާފައި މުޅި ހޯލްތެރެ ހަމަ ހިމޭންވިއެވެ. ނަމަވެސް އިރުކޮޅެއް ފަހުން އޭގެ ތެރެއިން އެއް އަންހެން ކުއްޖަކު، ވަރަށް ވިސްނަން އިނދެފައި އެއްސެވެ.
'އެހެން ކަމުގައިވާނަމަ، މުސްލިމު އަންހެނުން އެމީހުންގެ ކަރާއި އިސްތަށިގަނޑު ނިވާކޮށް، ހަށިގަނޑު އެއްކޮށް ނިވާވާ ގޮތަށް ހެދުން ނާޅަނީ ކީއްވެ ހެއްޔެވެ؟ އެވަރަށް ފޮރުވުމުން، އެއަންހެން މީހުންގެ މިނިވަންކަން ނަގާލެވެނީ ނޫން ހެއްޔެވެ؟'
އަހަރެން ޖަވާބު ދިނީމެވެ. 'މުސްލިމު އަންހެނުން އައުރަ ނިވާ ކުރަނީ، އެއީ އަހަރުމެން (މުސްލިމުން)، މަރްޔަމް އަލައިހިއްސަލާމް (ޢީސާ އަލައިހިއްސަލާމްގެ މައިކަމަނާ) އަށް އިޚްތިރާމްކޮށް، އެކަމަނާއަކީ ލާމަސީލު މިސާލެއްގެ ގޮތުގައި ދެކޭތީއެވެ.'
އެހިސާބުން އެމީހުންނަށް ވިސްނި އިތުރަށް ސުވާލެއް ނުކުރެއެވެ. އެމީހުންނަށް ވިސްނުނީ މުސްލިމުންނާއި ދިމާލަށް ޓެރަރިސްޓުންނަށް ގޮވާ، ބޭއަދަބީ ބަސްތައް ބުނަމުންދާއިރު، އެބައިމީހުންނަށް އެބައިމީހުން ޤަބޫލު ކުރާ ދީނަށް ވެސް ފުރިހަމައަށް ނުއުޅެވޭ ކަމެވެ. ދީނުގައި އަންގަވާފައިވާ ގޮތްތައް ކްރިސްޓިއަނުން ވަނީ އޮޅުވާލާފައެވެ. ނަމަވެސް ތުހުމަތު ކުރަނީ މުސްލިމުންނަކީ ޓެރަރިސްޓުން ކަމަށެވެ."