އއ. އުކުޅަހުގައި މިރޭ ކުރިއަށް ގެންދިއަ އެމްޑީޕީ ކޮންގްރެސްގެ އިއްތިފާޤުން އިދިކޮޅު ރިޔާސީ ކެންޑިޑޭޓަކަށް އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހީމް މުޙައްމަދު ޞާލިޙް (އިބޫ) ކަނޑައަޅައިފިއެވެ.
އިބޫ މިރޭ ވިދާޅުވީ އެމްޑީޕީން ކަނޑައެޅި ރިޔާސީ ކެންޑިޑޭޓަކީ ރައީސް ނަޝީދު ކަމަށާއި ސަރުކާރުން އެކަމަށް ފުރުޞަތު ނުދިނުމުން ފުރުޞަތު ނުލިބުނީ ކަމަށެވެ. އެހެންކަމާއިއެކުވެސް ރައްޔިތުން އެދޭ ފަދައިން ރައީސް ނަޝީދަށް ރާއްޖެވަޑައިގެން ޤައުމަށް ޚިދުމަތް ކުރެއްވޭނެ ގޮތަށް ކަންކަން ފަހިކުރައްވަން ކުރެއްވެން ހުރި ހުރިހާ މަސައްކަތްޕުޅުތަކެއް ކުރައްވާނެ ކަމަށެވެ.
އިބޫ ވިދާޅުވީ ރާއްޖެއަށް ކުރިމަތިވެފައި މިވާ ހިތާމަވެރި ހާލަތުން ޤައުމާއި ރައްޔިތުން ސަލާމަތްކުރަން ގިނަ ގުނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށާއި އެ މަސައްކަތްތައް ކުރެވެން އޮތީ ދޫދޭންޖެހޭ ކޮންމެ ކަމެއްގައި އެއްބައަކު އަނެއް ބައަކަށް ދޫދީގެން ކަމަށެވެ. އަދި އިދިކޮޅު ހުރިހާ ފަރާތްތަކުން ވަރަށް ބަދަހިގުޅުމެއްގައި މަސައްކަތް ކޮށްގެން ކަމަށެވެ.
އެމްޑީޕީން ކުރާ ހުރިހާ މަސައްކަތްތަކެއްވެސް ކުރިއަށް ގެންދާނީ ކޮންމެ ގޮތަކުން ނަމަވެސް މިހާރުގެ ސަރުކާރު ބަދަލުކޮށް އިދިކޮޅު ކޯލިޝަނުގެ ސަރުކާރެއް އުފެއްދުމަށް ކަމަށްވެސް އިބޫ ވިދާޅުވިއެވެ.