ކޯލިޝަނުގެ އެއްބަސްވުން - އެންމެން އެދިއެދިތިބި ނިންމުން: ޑރ. މަޢްޞޫމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 23ސ
ކޯލިޝަނުގެ އެއްބަސްވުން - އެންމެން އެދިއެދިތިބި ނިންމުން: ޑރ. މަޢްޞޫމް
އިދިކޮޅު 4 ޕާޓީ ގުޅިގެން ރިޔާސީ އެއް ކެންޑިޑޭޓަކު ނެރެން ރޭ ނިންމި ނިންމުމަކީ އެންމެން އެދިއެދި ތިބި ވަރަށް މުހިންމު ނިންމުމެއް ކަމަށާއި އެއްބަސްވުމުގެ ސަބަބުން މާތް ﷲ ވާގިފުޅާއިއެކު ރައްޔިތުން އެދިއެދި ތިބި ބަދަލު ލިބިގެންދާނެ ކަމަށް ޖޭޕީގެ ނައިބް ރައީސް ޑރ. ޢަބްދުﷲ މަޢްޞޫމް ވިދާޅުވެއްޖެއެވެ.

ޑރ. މަޢްޞޫމް މިރޭ ވިދާޅުވީ އެމްޑީޕީގެ ކޮންގްރެސްގައި އިދިކޮޅު ރިޔާސީ ކެންޑިޑޭޓަކަށް އިބްރާހީމް މުޙައްމަދު ޞާލިޙް ހަމަޖެއްސުން އެއީވެސް ލިބުނު ކުރިއެރުމެއް ކަމަށެވެ. އަދި އިބޫގެ ނަމަކީ ގިނަ ބައަކު ކިޔަމުން އައި ނަމެއް ކަމަށެވެ.

ޑރ. މަޢްޞޫމް ވިދާޅުވީ ޤާނޫނު އަސާސީން ފުރުޞަތު ލިބެން އޮތް ނަމަވެސް ސަރުކާރުން ހުރަސް އެޅުމުން ރިޔާސީ ރޭހުން ފުރަތަމަ ފަސްޖެހިވަޑައިގަތީ ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހީމް ކަމަށާއި އަދި މިހާރު އެމްޑީޕީގެ ރައީސް، މުޙައްމަދު ނަޝީދު ވެސް ވަނީ ފަސްޖެހިވަޑައިގެންފައި ކަމަށެވެ. އެހެންކަމުން ސަރުކާރުގެ ހުރަސްއެޅުންތަކާއިއެކުވެސް ރިޔާސީ އިންތިޚާބު، އިދިކޮޅު ފަރާތްތަކަށް މިހާރު އޮތީ ވަރަށް ފަހިކޮށް ކަމަށެވެ.

ޑރ. މަޢްޞޫމް ވިދާޅުވީ މިފަހަރުގެ ރިޔާސީ އިންތިޚާބު ވާދަވެރިކަމެއް ނެތި ކާމިޔާބުކުރާނެކަމަށް ޕިޕީއެމުން ބުނަމުން އައި ބުނުމަކީ ކޮބައިކަން އެނގުނީ ފަހުން ކަމަށެވެ. "އެކަން އެގޮތަށް ކުރުމަށްޓަކައި ކުރި ކަމަކީ އިދިކޮޅު ހުރިހާ ލީޑަރުން ޖަލަށްލައި ރިޔާސީ އިންތިޚާބުގައި ވާދަ ނުކުރެވޭނެ ގޮތް ހެދުން. 4 ލީޑަރުންނަށް އެކުގައި ކެންޕޭނަށް ނުކުމެވަޑައިގަތުމުގެ ފުރުޞަތު ލިބިވަޑައިގެންނެވިނަމަ ވަރަށް މަތީ އިންސައްތައަކުން ވަރަށް ފަސޭހަކަމާއިއެކު އިންތިޚާބު ކާމިޔާބުކުރެވިގެންދާނެ. އެފުރުޞަތު ލިބުނު ނަމަ ވޯޓުފޮށިތަކުގެ ފުލުގަވެސް ރައީސް ޔާމީނަށް އެންމެ ވޯޓެއްވެސް ނޯންނާނެ." ކަމަށްވެސް ޑރ. މަޢްޞޫމް ވިދާޅުވިއެވެ.
މިއަދު އޮންލައިން