މި ހިނގާ 2018 ވަނަ އަހަރުގެ ފުރަތަމަ ރެޑީ ކޭމްޕް ގދ.ގައްދޫގައި ކާމިޔާބު ކަމާއިއެކު ކުރިއަށް ގެންގޮސްފިއެވެ.
ސާނަވީ މަރުޙަލާގައި ތަޢުލީމު ޙާޞިލްކުރަމުންދާ ދަރިވަރުންނަށް އަމާޒުކޮށްގެން ފުލުހުން ހިންގާ ރެޑީ ކޭމްޕް ސިލްސިލާގެ ތެރެއިން ގދ.ގައްދޫގައި ހިންގި 69 ވަނަ ރެޑީ ކޭމްޕު ނިންމައި ބައިވެރިންނަށް ހަނދާނީ ލިޔުން ދީފިއެވެ.
މިކަމަށްޓަކައި ގދ.އަތޮޅު މަދަރުސާގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ބައިވެރިންނަށް ހަނދާނީ ލިޔުން ބައްސަވައިދެއްވީ، ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހެޑް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ބަޝީރުއެވެ.
ގދ.އަތޮޅު މަދަރުސާގައި މިމަހުގެ 28ން 30ށް ކުރިއަށް ގެންދިޔަ މި ކޭމްޕުގައި، އެސްކޫލްގެ ގްރޭޑް 9،8 އަދި 10 ގައި ތަޢުލީމު ހާސިލްކުރަމުންދާ 87 ދަރިވަރަކު ބައިވެރިވެ، ކޭމްޕު ފުރިހަމަކޮށްފައިވެއެވެ. މި ބައިވެރިންގެ ތެރޭގައި ހިމެނެނީ 51 ފިރިހެން ދަރިވަރުންނާއި 36 އަންހެން ދަރިވަރުންނެވެ.
ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ކޭމްޕުގައި، ދަރިވަރުންނަށް ދިރިއުޅުމުގެ ރިވެތި އަދަބުތަށް ދަސްކޮށްދިނުމާއި، ރަނގަޅު ތަރުބިއްޔަތަށް މަގުދައްކައިދީ ހަރުދަނާ ބައެއްގެ ގޮތުގައި ދެމިތިބުމަށް ބާރު އަޅައިދޭ ގިނަ ޙަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ.
އެގޮތުން ޖިނާޢީ ކުށްތަކުން ދުރުވެ ރައްކާތެރި މުޖުތަމަޢެއްގައި ދިރިއުޅުމަށް ދަރިވަރުންގެ އުޅުންތައް ބައްޓަންކުރަންވީ ގޮތާއި، ކުށުގެ ނުރައްކަލުން ދުރުވެތިބެ ޤައުމީ ލޯބި ލިބިގެންވާ ޒުވާނެއްގެ ގޮތުގައި މުޖުތަމަޢަށް ނުކުތުމުން ލިބިގެންދާނެ ފައިދާތައް ކޭމްޕުގެ ބައިވެރިންނަށް އޮޅުންފިލުވައިދީފައިވެއެވެ. މިއާއެކު އިސްލާމީ މުޖުތަމަޢެއްގައި ހަރުދަނާ ރަށްވެއްސެއްގެ ގޮތުގައި ދިރިއުޅުން އާރާސްތު ކުރުމަށް ބޭނުންވާ މުހިއްމު މަޢުލޫމާތު ދިނުމުގެ އިތުރުން، މަދަރުސީ ތަޢުލީމުގެ ތެރެއިން ދަރިވަރުންގެ ދިރިއުޅުން ބައްޓަންކުރުމަށް އިސްކަންދޭންވީ ކަންކަމުގެ މައްޗަށްވެސް މި ކޭމްޕުގައި ބައިވެރިންނަށް މަޢުލޫމާތުދީ ހުނަރުތައް ދަސްކޮށްދީފައިވެއެވެ.
މި ކޭމްޕުގައި، އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް އަހުލުވެރި ކުރުވައި، އަމިއްލަ ސާފުތާހިރުކަމާއި ރައްކާތެރިކަމަށް ކުރެވެންހުރި ކަންކަން އޮޅުންފިލުވައިދީފައިވެއެވެ. މީގެ އިތުރުން ޢާއްމު އިޖުތިމާޢީ މިންގަނޑުތަކާ ޚިލާފަށް ކުރެވޭ ކަންކަމާއި އެފަދަ ކަންކަމުން މުޖުތަމަޢު ރައްކާތެރި ކުރުމުގައި ދަރިވަރުންނަށް ކުރެވޭނެ ކަންކަމުގެ އިތުރުން ގަނާކުރުމުގެ ނުރައްކަލާއި ގަނާ ކުރުމުން ލިބޭ ގެއްލުމާއި އެފަދަ ކަންކަމުން އެހެން ފަރާތްތަކަށް ކުރާނެ ނޭދެވޭ އަސަރުތަކުގެ މަޢުލޫމާތުވެސް ދަރިވަރުންނަށް ދީފައިވެއެވެ.
މިކޭމްޕް ކުރިޔަށް ގެންދިއުމުގައި ގދ. އަތޮޅު މަދަރުސާގެ ބެލެނިވެރިންނާއި ގދ.ގައްދޫ ކައުންސިލުންނާއި މުއައްސަސާތަކުން ފުލުހުންނަށް ވަރަށް ބޮޑު އެއްބާރުލުމެއް ލިބިފައިވެއެވެ.
ކޭމްޕު ނިންމައި ބައިވެރިންނަށް ހަނދާނީ ލިޔުން ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި، ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހެޑް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ބަޝީރުގެ އިތުރުން ގދ. އަތޮޅު ކޮމާންޑަރާއި އެރަށްރަށުގެ ކައުންސިލް މެމްބަރުންނާއި މުއައްސަސާތަކުގެ އިސްވެރިންނާއި ފުލުހުންގެ އިތުރުން ސްކޫލުގެ އިސްވެރިންނާއި ބެލެނިވެރިން ބައިވެރިވެފައިވެއެވެ. މި ކޭޕްގެ އިތުރު ބުރުތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންދާގޮތަށް ވަނީ ހަމަޖެހިފައެވެ.
ޙަބަރު ޕޮލިސް