އެންމެންގެ އިބޫ- އެންމެންގެ ރައީސަކަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 34ސ
އެންމެންގެ އިބޫ- އެންމެންގެ ރައީސަކަށް!

އިދިކޮޅު ކޯލިޝަނުގެ ފަރާތުން މިއަަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ރިޔާސީ ކެންޑިޑޭޓަކަށް އިބްރާހީމް މުޙައްމަދު ޞާލިޙް (އިބޫ) ރޭ ހަމަޖެހިގެން ދިއުމާއިއެކު އިބޫ ފުރަތަމަވެސް ވިދާޅުވި އެއް ވާހަކަފުޅަކީ ވެވަޑައިގަންނަވާނީ އެންމެންގެ ރައީސަކަށް ކަމަށެވެ. ހުރިހާ ކަމެއްވެސް ކުރައްވާނީ ރައްޔިތުންގެ މެދުގައި ހަމަހަމަކަމާއިއެކުގައި ކަމަށެވެ.

ހަމައެއާއިއެކު އެއްވެސް މީހެއްގެ، އެއްވެސް ފަރާތެއްގެ ބާރާއި ނުފޫޒު އޭނާގެ މައްޗަށް ފޯރުވިއަ ނުދެއްވާނެ ކަމުގެ ޔަޤީންކަން ވެސް އިބޫ ވަނީ ރައްޔިތުންނަށް ދެއްވައިފައެވެ.

އިބޫއަށް ބަލާއިރު އިބޫ އަކީ އަބަދުވެސް އެންމެންނާއި ގުޅިވަޑައިގެން އެކުވެރިކަމާއިއެކުގައި އުޅުއްވާ ބޭފުޅެކެވެ. އެންމެ އުނދަގޫ ހާލަތްތަކުގައިވެސް ހިނިތުންވެވަޑައިގެން ހުންނަވާ ބޭފުޅެކެވެ. އެއްވެސް ކަމެއްގައި ހަރުކަށި ބަސްފުޅު ވިދާޅުވާ ބޭފުޅެއް ނޫނެވެ. އަދި ހަރުކަށިކަމާއިއެކު އަމަލުފުޅު ކުރައްވާ ބޭފުޅެއްވެސް ނޫނެވެ.

އިބޫގެ އެންމެ ޚާއްޞަ ސިފަތަކުގެތެރޭގައި ބޮޑާކަމާއި ކިބުރުވެރިކަން ނެތުން ހިމެނެއެވެ. އަދި ދައްކަވާ ވާހަކަފުޅުތައް އަސާސްތަކަށް ބިނާ ކުރެއްވުމާއި ތަޖުރިބާގެ އަލީގައި ވާހަކަފުޅު ދެއްކެވުންވެސް ފާހަގަކުރެވޭއިރު ކެތްތެރިކަން އިސްކުރެއްވުމަކީ އިބޫގެ އެންމެ ޚާއްޞަ އެއް ސިފައެވެ.

އިބޫ އާއިއެކު ވަރަށް ގާތުން ދިގު މުއްދަތުގައި މަސައްކަތްކުރައްވާފައިވާ ބޭފުޅުން ވިދާޅުވާ ގޮތުގައި ކޯފާ އިސްކުރެއްވުމާއި ބާރަށް ބަސްފުޅު ވިދާޅުވުމަކީ އިބޫގެ ކިބައިން އެބޭފުޅުންނަށް މިހައިތަނަށް ފެނިވަޑައިގެންފައިވާ ކަންކަމެއް ނޫނެވެ.

ޤައުމުގެ ރައީސުލްޖުމްހޫރިއްޔާ ކަމުގައި ހުންނަވާ ބޭފުޅެއްގެ ކިބައިން ފެނުމަށް ރައްޔިތުންގެ ގިނަ ބައަކު އެދޭނެ ވަރަށް ގިނަ ސިފަތައް އިބޫގެ ކިބައިގައި އެބަހުރިކަން އެއީ ގިނަ ބައަކު އިބޫ ބަލައިގަންނާނެ އެންމެ ބޮޑު ސަބަބު ކަމަށް ބެލެވެއެވެ.

އިދިކޮޅު ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓަކަށް ރަސްމީ ގޮތުން އިބޫ ހަމަޖެހުމުގެ ކުރިންވެސް ގިނަ ބައަކު އިބޫގެ ނަންކިޔަމުން އައީ މިފަދަ ސަބަބުތަކަށްޓަކައި ކަމަށް ޤަބޫލުކުރެވެއެވެ.
މިއަދު އޮންލައިން