ބީއެމްއެލްއިން މޯބައިލް ފޯނު މެދުވެރިކޮށް އިންޓަރނޭޝަނަލް އޮންލައިން މަނީ ޓްރާންސްފަރގެ ޚިދުމަތް ތަޢާރަފްކޮށްފި
- މިއަދުން ފެށިގެން 3،000 ޑޮލަރާ ހަމަޔަށް ބޭރުގެ ގިނަ ގައުމުތަކަށްފައިސާ ފޮނުމަށް ފަސޭހަކަމާއެކު މޮބައިލް ފޯން ބޭނުންކޮށްލެވޭނެ
- ފައިސާ ފޮނުވުމުގެ އަގު 5 ޑޮލަރު، ރާއްޖޭގައި މި ޚިދުމަތްދޭ އެހެން ފަރާތްތަކަށްވުރެ އަގުހެޔޮވެފައި ބޭނުންވަގުތަކު ޚިދުމަތް ލިބޭނެ
- ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށާއި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސިންނަށް ފައިސާ ފޮނުވުމަށް ފަސޭހަވެގެންދާނެ. އަދި ޓިއުޝަން ފީ ފަދަ ފައިސާ ފޮނުވަންޖެހޭ ދިވެހިންނަށްވެސް ފަސޭހަވެގެންދާނެ.
ބޭންކް އޮފް މޯލްޑިވްސް އިން އޮންލައިން އިންޓަރނޭޝަނަލް މަނީ ޓްރާންސްފަރގެ ނަމުގައި އާ ޚިދުމަތެއް މިއަދު ތައާރަފްކޮށްފިއެވެ. މި ޚިދުމަތް ތައާރަފްވުމާއެކު މިހާރު މޮބައިލް ފޯނު މެދުވެރިކޮށް ލުއި ފަސޭހަކަމާއެކު ރާއްޖެއިން ބޭރަށް ފައިސާ ފޮނުވޭނެއެވެ.
ބީއެމްއެލް އިން ކަސްޓަމަރުންނަށް ދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ޓެކްނޮލޮޖީއަށް ކުރަމުންދާ އިންވެސްޓްމަންޓްގެ ދަށުން ތައާރަފްކުރެވުނު އޮންލައިން އިންޓަރނޭޝަނަލް މަނީޓްރާންސްފަރ ޚިދުމަތް ލިބޭނީ ބީއެމްއެލް މޮބައިލްޕޭ އެޕް މެދުވެރިކޮށެވެ. މި އެޕް މެދުވެރިކޮށް ދުވާލަކަށް 3000 ޔޫއެސް ޑޮލަރާ ހަމައަށް ރާއްޖެއިން ބޭރަށް ފައިސާ ފޮނުވޭނެއެވެ. ފަސޭހަކަމާއެކު ބީއެމްއެލް މޮބައިލްޕޭ އެޕް ޑައުންލޯޑްކޮށް، އެއަށްފަހު ރަޖިސްޓަރ ކޮށްގެން ރާއްޖެއިން ބޭރުގެ ކޭޝް އެޖެންޓަކަށް، ބޭންކް އެކައުންޓަކަށް ނުވަތަ މި ޚިދުމަތް މެދުވެރިކޮށް ފައިސާ ފޮނުވޭ ގައުމުތަކުގައި ބޭނުންކުރެވޭ ޑިގިޓަލް ވޮލެޓަކަށްވެސް ފައިސާ ފޮނުވޭނެއެވެ.
މި ޚިދުމަތް މިއަދު ފަށާފައިވާއިރު، ތައުލީމް ހާސިލްކުރުމަށާއި ބޭސްފަރުވާކުރުމަށާއި ޗުއްޓީ ހޭދަކުރުމަށް ދިވެހިން ދަތުރުކުރާ ގިނަ ގައުމުތަކަށް ފައިސާ ފޮނުވޭނެއެވެ. ފައިސާ ފޮނުވުމުގެ ޚިދުމަތުގެ އަގު5 ޔޫއެސް ޑޮލަރުން ފެށޭއިރު އޮންލައިން އިންޓަރނޭޝަނަލް މަނީޓްރާންސްފަރ ޚިދުމަތުގެ އަގު ވެގެންދާނީ ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމުގެ އެންމެ ހެޔޮ އަގަށެވެ. އަދި އާންމުކޮށް ފައިސާ ފޮނުވާއިރު ޕްރޮސެސްކުރުމަށް ނަގާ ވަގުތަށްވުރެ އަވަހަށް މި ޚިދުމަތް މެދުވެރިކޮށް ފައިސާ ފޮނުވޭނެއެވެ.
މިއަދު ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުުގައި ވާހަކަދައްކަވަމުން ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އަދި ޑައިރެކްޓަރ އޮފް އޮޕަރޭޝަންސް މުޙައްމަދު ޝަރީފް ވިދާޅުވީ "އޮންލައިން އިންޓަރނޭޝަނަލް މަނީޓްރާންސްފަރ ޚިދުމަތާއެކު ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމަށް އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ވަރަށް ބޮޑަށް ލުއިފަސޭހަވެގެންދާނެ. މިހާރު ގޭގައި ނުވަތަ ކޮންމެ ތާކު ހުންނަވައިގެންވެސް ދަރިފުޅުގެ ޔުނިވަރސިޓީ ފީ ދެއްކުމަށާއި ބޭރުގައި ބޭސްފަރުވާކުރުމަށް ދާ ޚަރަދުތަކަށް ފައިސާ ދެއްކޭނެ. ރާއްޖޭގައި މަސައްކަތްކުރައްވާ އެތައް ހާސް ބިދޭސީންނަށްވެސް މި ޚިދުމަތް މަގްބޫލް ޚިދުމަތަކަށް ވެގެންދާނެ.
އޮންލައިންއިންޓަރނޭޝަނަލްމަނީޓްރާންސްފަރ ޚިދުމަތާއެކު ރާއްޖެއިން ބޭރަށް ފަސޭހަކަމާއެކު، ބޭނުން ވަގުތަކު އަދި އަގު ހެޔޮކޮށް ފައިސާ ފޮނުވޭނެގޮތް މިވަނީ ހަމަޖެހިފައި."
ބީއެމްއެލް އިން މިއަދު ބުނީ މި ޚިދުމަތް މިހާރުވެސް 23 ޤައުމަކަށް ފޯރުކޮށްދެވޭނެ ކަމަށާއި އިތުރު ޤައުމުތަކަށް ޚިުމަތް ފުޅައުކުރަމުން ގެންދާނެ ކަމަށެވެ.