މާލޭ ދަފްތަރުގައި ޖައްސަން އަލުން ފަށަނީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 9ސ
މާލޭ ދަފްތަރުގައި ޖައްސަން އަލުން ފަށަނީ
މާލޭގައި ދިރިއުޅޭ ރާއްޖެތެރޭ މީހުން މާލޭ މީހުންނަށް ހެދުމަށްޓަކައި ކުރިއެކޭ އެއްފަދައިން ދަފްތަރުގައި ޖެއްސުމުގެ ކަންކަން އަލު ފަށައިގެން ކުރިއަށް ގެންދަން މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުން ނިންމައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު މެންދުރުފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހައުސިންގ މިނިސްޓަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ދަފްތަރުގައި ތިބި މީހުންނަށްވެސް ބޯހިޔާވަހިކަން ހޯދައިދިނުމަކީ ރައީސް ޢަބްދުﷲ ޔާމީނުގެ ރިޔާސީ ވައުދެއް ކަމަށެވެ. އެހެންކަމުން އެ ވައުދު ފުއްދުމަށްޓަކައި ދަފްތަރުގައި ޖެއްސުމުގެ މަސައްކަތް އަލުން ކުރިއަށް ގެންދަން މިއަދު ނިންމީ ކަމަށެވެ.

ޑރ. މުޢިއްޒު ވިދާޅުވީ މިހާރު ފޯމު ބަލައިގަންނަމުން ގެންދާ 7000 ފްލެޓުގެެ ތެރޭގައިވެސް ދަފްތަރުގައި ތިބި މީހުންނަށް ދޫކުރަން ހަމަޖެހިފައިވާ 1044 ފްލެޓް ހިމެނޭ ކަމަށެވެ. އަދި ދަފްތަރުގައި މީހުން ޖެއްސުމުގެ ކަންކަން ސިޓީ ކައުންސިލުން ކުރިއަށް ނުގެންދާތީ ސަރުކާރުން ކުރިއަށް ގެންދަން މިއަދު ނިންމާފައިވާ ކަމަށެވެ.

ރައީސް ޔާމީން ވަނީ ހުލުމާލެ 2 ވަނަ ފޭސްގައި ދިރިއުޅެން ބޭނުން އެންމެން ރާއްޖޭގެ ރަށްރަށުން މާލެ އައުމަށް ދައުވަތުދެއްވައިފައެވެ.

ސަރުކާރުން މިހާރު ވަނީ 100،000 މީހުންނަށް ބޯހިޔާވަހިކަން ލިބޭ، ފްލެޓް އެޅުމުގެ ބިޔަ މަޝްރޫއެއް އިފްތިތާޙްކޮށްފައެވެ.
މިއަދު އޮންލައިން