ސަރުކާރުން ކުރަންވީ ކަމަކީ އިލެކްޝަންސް ކޮމިޝަނަށް ނުފޫޒުފޯރުވާކަމަށް ޤަބޫލުކުރެވޭ އަމަލުތައް ކުރުން ހުއްޓާލުން: ޑރ. ޙުސައިން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 6ސ
ސަރުކާރުން ކުރަންވީ ކަމަކީ އިލެކްޝަންސް ކޮމިޝަނަށް ނުފޫޒުފޯރުވާކަމަށް ޤަބޫލުކުރެވޭ އަމަލުތައް ކުރުން ހުއްޓާލުން: ޑރ. ޙުސައިން
ކުރިއަށް އޮތް ރިޔާސީ އިންތިޚާބާއި ގުޅިގެން ސަރުކާރުން ކުރަންވީ ކަމަކީ އިލެކްޝަންސް ކޮމިޝަނަށް ނުފޫޒުފޯރުވާކަމަށް ޤަބޫލުކުރެވޭ އަމަލުތައް ކުރުން ހުއްޓާލުން ކަމަށް ޖޭޕީގެ އިސް ނައިބް ލީޑަރު ކަމުގައި ހުންނެވި ޑރ. ޙުސައިން ރަޝީދު ޙަސަން ވިދާޅުވެއްޖެއެވެ.

ޑރ. ޙުސައިން ވިދާޅުވީ އިލެކްޝަންސް ކޮމިޝަނަކީ ޤާނޫނީ ގޮތުން މިނިވަން މުއައްސަސާއެއް ކަމަށާއި ނަމަވެސް ސަރުކާރުން އަމަލުކުރާ ގޮތުން ރައްޔިތުންގެ ހިތްތަކުގައި ވަރަށް ގިނަ ޝައްކުތަކެއް އުފެދިފައިވާ ކަމަށެވެ. އަދި އެއީ ރައްޔިތުންނަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުން އިލެކްޝަންސް ކޮމިޝަނަށް ރައީސަކު އައްޔަނުކޮށްފަ ހުއްޓާ މިފެނުނީ އެ ރައީސް އިންޓެގްރިޓީ ކޮމިޝަނަށް ބަދަލުކުރިތަނާ ފެނަކައިގަ ހުރި މީހަކު ކުއްލި ގޮތަކަށް އިލެކްޝަންސް ކޮމިޝަނަށް ބަދަލުކުރިތަން. މިކަންކަން މިގޮތަށް ހިނގާތަން ފެނުނީމާ ރައްޔިތުންނަށް އެބަ ޤަބޫލުކުރެވޭ ސަރުކާރުން ބޭނުންވީމާ ރާޒުވާ ކުޅިބައެއްހެން މަޤާމުތަކަށް ބަދަލު ގެންނަކަން. އެހެންވީމާ އިތުބާރާމެދު ރައްޔިތުން ސުވާލު އުފައްދަމުން ދަނީ."

އިލެކްޝަންސް ކޮމިޝަނުން ބުނަމުން ގެންދަނީ އެ ކޮމިޝަނުން އަމަލުކުރަމުން ގެންދަނީ މިނިވަންކަމާއިއެކު ކަމަށެވެ. އަދި ހުރިހާ ސިޔާސީ ޕާޓީތަކަށް ހަމަހަމަކަމާއިއެކު އެއް އުޞޫލަކުން ކަމަށެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަނުގެ އަމަލުތަކުން އެކަން ނުފެންނަކަމަށް އިދިކޮޅު ޕާޓީތަކުން ދަނީ ބުނަމުންނެވެ.
މިއަދު އޮންލައިން