އެސްޓީއޯގެ ޕވަރމިކްސް އުފައްދައި ސަޕްލައި ކުރުމަށް ހުލުމާލޭގައި މިރޭ ހުޅުވި ރެޑީމިކްސް ޕްލާންޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ޝަހީރު ވިދާޅުވީ މިހާރު މާލެއިން ފެންނަން ހުރި 10 ބުރީގެ އިމާރާތްތައް ބިނާކުރުމުގެ މަސައްކަތް ފެށުނީ މީގެ 20 ވަރަކަށް އަހަރުކުރިން ކަމަށެވެ.
"އެއިރު ކުރިމަތިވެފައި އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ ފެންވަރު ރަނގަޅު ސިމެންތި ޢާންމުކޮށް ނުލިބުމާ އަގު ބޮޑުކަން. އެ މައްސަލައަށް ހައްލެއް ހޯދަން ސިމެންތި އުފެއްދުމުގައި ދުނިޔޭގެ އެންމެ މަޝްހޫރު ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ލަފާޖާއި ގުޅިގެން ބަލްކްކޮށް ރާއްޖެއަށް ފެންވަރު ރަނގަޅު ސިމެންތި އެތެރެކޮށް ރާއްޖޭގައި ބަންދުކޮށްގެން ވިއްކަން ފެށީ. އެގޮތަށް އެކަން ހަމަޖެހިގެން ދިއުމުން ފެންވަރު ރަނގަޅު ސިމެންތި 30 އިންސައްތަ ހެޔޮ އަގުގައި ލިބެންފެށި."
ޝަހީރު ވިދާޅުވީ ހަމައެއާއިއެކު މަޝްރޫއުތަކަށް ބޭނުންވާ މަގު ފުޅައު ޓިނު ލިބުމުގައިވެސް ދަތިތަކެއް ހުރި ކަމަށާއި އެއިރު އެތެރެކުރަނީ ކޮންމެ މަޝްރޫއަކަށް ވަކިން ކަމަށެވެ. ނަމަވެސް އެސްޓީއޯ އިން ޓިނު އުފައްދާ ދުނިޔޭގެ ފެންވަރު ރަނގަޅު ކުންފުންޏަކާއި ގުޅިގެން ރާއްޖޭގައި ޓިނު އުފައްދަން ފެށުމުން ފަސޭހަކަމާއިއެކު ޓިނު ލިބި އަދި އަގުވެސް ހެޔޮކުރެވުނު ކަމަށެވެ.
ޝަހީރު ވިދާޅުވީ އިމާރާތްކުރުމުގެ ސިނާއަތު ރާއްޖޭގައި އައީ ކުރިއަރަމުން ކަމަށާއި ހަމައެއާއިއެކު މާލެ ތޮއްޖެހެމުން އައުމުގެ ނަތީޖާއެއްގެ ގޮތުން މަގުތައް ފުރި ކުރިމަތިވި މައްސަލަތައް ހައްލުކުރުމުގެ ގޮތުން 2015 ވަނަ އަހަރުން ފެށިގެން އެސްޓީއޯ އިން ގެންދަނީ މާލޭގައި ރެޑީމިކްސް އުފައްދައި މައްސަލައަށް ރަނގަޅު ޙައްލެއް ހޯދައިދެމުން ކަމަށެވެ.
"ރާއްޖެ މިދަނީ ވަރަށް ބާރު ސްޕީޑްގައި ތަރައްޤީވަމުން. ހުލުމާލޭގައިވެސް އިތުރު ބޮޑު ސިޓީއެއް މިދަނީ ތަރައްޤީކުރެވެމުން. މިއީ ބައަކު ވަރަށް ވިސްނުންތެރިކަމާއި އަދި ރޭވުންތެރި ކަމާއިއެކު ކުރަމުން ގެންދާ މަސައްކަތްތަކެއްގެ ނަތީޖާ.'
ޝަހީރު ވިދާޅުވީ ހުޅުމާލޭގައި ހުޅުވި ރެޑީ މިކްސްޕްލާންޓަށް މިހާރުވެސް ވަނީ އޯޑަރުތައް ފުނިޖެހިފައި ކަމަށެވެ. އަދި ސަޕްލައި ކުރުމަށް ބޮޑެތި ބައުޒަރުތައްވެސް ވަނީ އެތެރެކޮށްފައި ކަމަށެވެ.
ޝަހީރު ވިދާޅުވީ ސިމެންތި ބަންދުކުރުމުގެ މަސައްކަތާއި ޓިނު އުފެއްދުމުގެ މަސައްކަތް އެސްޓީއޯ އިން ފަށާފައިވަނީ ކުންފުނީގެ ޗެއަރމަނެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ހުންނެވި ދުވަސްވަރު ކަމަށެވެ. އަދި ޚިދުމަތްތައް އިތުރަށް ފުޅައުކުރެވި ރެޑީމިކްސް އުފެއްދުމުގެ މަސައްކަތް ފެށިގެން މިދިއައީ އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާ ކަމުގައި ހުންނަވައިގެން ކަމަށެވެ. އަދި މިހުރިހާ ކުރިއެރުމަކާއި ތަރައްޤީއެއް ގެނެވެމުން މިދަނީ ރައީސް ޔާމީނުގެ ވިސްނުންފުޅާއި ދެއްވާ އިރުޝާދުގެ ސަބަބުން ކަމަށެވެ.
ރާއްޖޭގެ އިމަރާތްކުރުމުގެ ސިނާއަތް ހީނަރުވެ އުނދަޖެހިފައިވަނިކޮށް ސިނާއަތަށް ދިރުން ލިބި ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު ސިނާއަތަށް ވެގެންދިއައީ މިސަރުކާރުން ދިން ސަމާލުކަމާއި އެސްޓީއޯއިން ފޯރުކޮށްދެމުން ގެންދާ އެހީތެރިކަމުގެ ސަބަބުންކަން މަސީ އިން ފާހަގަކުރެއެވެ.