ބިލެތްފަހި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ނިންމުމުގެ ރަސްމިއްޔާތު ރައީސް ޔާމީން ޝަރަފުވެރިކޮށްދެއްވައިފި
ށ. ބިލެތްފަހީގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ނިންމުމުގެ ރަސްމިއްޔާތު މިއަދު އެ ރަށުގައި ބާއްވައިފިއެވެ. މި ރަސްމިއްޔާތު އިފްތިތާޙްކޮށްދެއްވީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމެވެ.
ރާއްޖޭގެ ރަށްތަކަށް ދިމާވެފައިވާ ރަށް ގިރުމުގެ މައްސަލައަކީ އޭގެ ސަބަބުން އެރަށްތަކުގައި ދިރިއުޅޭ އާބާދީއާއި، އާއްމު ފަރުދުންގެ މުދަލާއި ގޯތި ގެދޮރުގެ ރައްކާތެރިކަމަށް އަސަރުކުރާ ކަމެކެވެ. އަދި ދެމެހެއްޓެނެވި ތަރައްގީއަށް ރާއްޖެ ކުރަމުން ގެންދާ މަސައްކަތަށް ކުރިމަތިވެފަވާ ނުހަނު ބޮޑު ގޮންޖެހުމެކެވެ. އެހެންކަމުން، މިމައްސަލައަކީ މިސަރުކާރުގެ ފަރާތުން ޚާއްޞަ އަހައްމިޔަތުކަމެއް ދެއްވާފައިވާ މައްސަލައެކެވެ. އަދި މިކަމުގައި އެދެވޭ ޙައްލެއް ހޯދުމަށް މިސަރުކާރުގެ ފަރާތުން ދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ.
މިގޮތުން،ފާއިތުވީ ތިން އަހަރުގެ ތެރޭގައި މިސަރުކާރުންވަނީ 1.34ބިލިއަން ރުފިޔާ ހަރަދުކޮށް، ޖުމްލަ 32 ރަށެއްގައި31 ކިލޯމީޓަރުގެ ގޮނޑުދޮށް އެކަށޭނެ އަދި ދެމެހެއްޓެނެވި ގޮތެއްގައި ހިމާޔަތްކޮށްފައެވެ. އަދި މީގެ އިތުރުންވެސް، ރަށް ގިރުމުގެ މައްސަލަ ދިރާސާކޮށް، މިމައްސަލަ ހައްލުކުރުމަށް މިސަރުކާރުގެ ފަރާތުން ދަނީ މަސައްކަތްކުރަމުންނެވެ.
މިލަދުންމަޑުލު އުތުރުބުރީ ބިލެތްފައްސަކީ ވެސް ޒަމާނުންސުރެ ރަށް ގިރުމުގެ މައްސަލަ ކުރިމަތިވެފަވާ ރަށެކެވެ. އާއްމު ރައްޔިތުންގެ ރައްކާތެރިކަމާ، ރަށުގެ ތިމާވެއްޓަށް މީގެ ސަބަބުން ލިބޭ ގެއްލުން ފާހަގަކޮށް، މިކަމަށް ފުރިހަމަ ހައްލެއް ހޯދުމަށް މިސަރުކާރުގެ ފަރާތުންވަނީ އިސްކަން ދީފައެވެ. އަދި 2015 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ހިމަނައި، ބިލެތްފަހީ ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަޝްރޫއުވަނީ ފަށާފައެވެ.
މިމަޝްރޫއުއަށް ޖުމްލަ 15,247,932.76 (ފަނަރަ މިލިއަން، ދުއިސައްތަ ސާޅީސް ހަތް ހާސް، ނުވަސަތޭކް ތިރީސް ދެ ރުފިޔާ، ހަތްދިހަ ހަ ލާރި) ދިވެހި ރުފިޔާ ވަނީ ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްފައެވެ.
ކެޕިޓަލް އިންވެސްޓްމެންޓް އެންޑް ފައިނޭންސް ޕްރައިވެޓް ލިމިޓެޑްއާ ހަވާލުކޮށް ކުރިއަށް ގެންދިޔަ މިމަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފަވަނީ 13ސެޕްޓެމްބަރ2015ގައެވެ. އަދި 10 ޑިސެމްބަރ 2016ގައި މި މަޝްރޫޢުފެ ޢަމަލީ މަސައްކަތްވަނީ ނިންމާފައެވެ.
މިމަޝްރޫޢުގެ ދަށުން، ބިލެތްފަހި ގިރާ ސަރަޙައްދަށް25,738 ކޮޑިމީޓަރ ވެލިއަޅައި 520 މީޓަރދިގުމިނުގެ ބޮޑު ހިލައިގެ ރިވެޓްމަންޓް ޖަހާ، މިސަރަޙައްދުވަނީ ހިމާޔަތްކޮށްފައެވެ. ބިލެތްފަހި ގޮނޑުދޮށް ހިމާޔަތްކުރުމަށް ބޭނުންކޮށްފައިވާ ނިޒާމަކީ ރާއްޖޭގެ ހާލަތަށް ބަލާ، ދިރާސާކޮށް، އެންމެ އެކަށޭނޭ ނިޒާމުކަން ފާހަގަ ކުރަމެވެ. ޝައްކެއް ނެތް ގޮތުގާ މިމަޝްރޫއު ސަބަބުން ކުރިއަށް އޮތް މުސްތަގުބަލުގައި ރަށުގެ ތަރައްޤީއަށް ނުހަނު ފައިދާ ކުރާނެއެވެ.
އަދި ޢާއްމު ރައްޔިތުންގެ ޒަމާންވީ އުދާސްތަކަށް ނިމުމެއް އަންނާނެއެވެ. މީގެ އިތުރުން، މި މަޝްރޫޢުއަކީ މޫސުމަށް އަންނަ ބަދަލުތަކުން މިރަށާއި މިރަށުގެ ރައްޔިތުން ރައްކާތެރިކުރުމަށް އެޅޭ ނުހަނު މުހިއްމު ފިޔަވަޅެކެވެ.
މިމަޝްރޫއުއަކީ ދިވެހި ރައްޔިތުންގެ ރައްކާތެރިކަމާ ތަރައްޤީއަށް އަދުގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ދެއްވާ އަހަމިއްޔަތުކަމުގެ އަލިގަދަ މިސާލެކެވެ.