ށ. އަތޮޅު ބިލެތްްފަހީގައިވެސް އެއާޕޯޓެއް ތަރައްޤީ ކުރައްވާނެ ކަމަށާއި މަޝްރޫއުގެ މަސައްކަތްތައް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެރަށް ކައިރީގައި ރިޒޯޓެއް ތަރައްޤީކުރަން ޝައުޤުވެރިވާ ފައިސާހުރި ފަރާތަކުން ސަރުކާރާއި މަޝްވަރާ ކުރަމުން ގެންދާތާ ދުވަސްތަކެއް ވެއްޖެ ކަމަށާއި އެ މަޝްރޫއުގެ މަސައްކަތްތައްވެސް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ ބިލެތްފައްސަކީވެސް ވަރަށް ބިޔަ ފަޅެއް އޮތް ރަށެއްކަމަށާއި ހުޅުމާލޭ ފަޅު ވަރުގެ ބިޔަ ފަޅެއް އޮތުމުން ބިން ހިއްކައިގެން ވެސް ގިނަ ކަންތައްތަކެއް ކުރުމުގެ ފުރުޞަތު އެބައޮތް ކަމަށެވެ.
އާބާދީ މަދުވެފައި ރަށްތައް ކުދި ނަމަވެސް އަޅާނުލައި ދޫކޮށްލައިގެން ނުވާނެ ކަމަށާއި މިސަރުކާރަކީ ކުދި އާބާދީތައްވެސް ތަރައްޤީކޮށް ރައްޔިތުންނަށް އުފާވެރި ދިރިއުޅުމެއް ހޯދައިދޭނެ ސަރުކާރެއް ކަމަށްވެސް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.