ރާއްޖޭގެ ޤާނޫނު އަސާސީއާއި އުސޫލުތަކުން ބޭރުވެ ހިންގި ކުށްތަކެއްގެ ސަބަބުން، ބަންދުވާން ނުޖެހެ ބަޔަކު ވެސް ބަންދު ކޮށްފައިވާކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް މިއަދު ވިދާޅުވެއްޖެއެވެ.
ށ. އަތޮޅުގައި ސަރުކާރުން ހިންގި ތަރައްޤީގެ މަޝްރޫއުތަކެއްގެ ނިންމުން ފާހަގަ ކުރެއްވުމަށް މިއަދު އެއަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ޒިޔާރަތުގައި. ބިލެތްފަހީގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މިދިޔަ 15 އަހަރުގެ ތެރޭގައި ރާއްޖޭގައި އޮތީ މުޅިން ވެސް ސިޔާސީ ހަމަނުޖެހުން ކަމަށާއި އެއް ބަޔަކު އަނެއް ބަޔަކަށް ހަނގާ ކުރުމާއި ހަމަޖެހުން ނަގައިލުމުގެ އަމަލުތަކެއް ހިންގަމުން ދިޔަ ކަމަށެވެ.
މީގެއިތުރުން ސިޔާސީ ކަންކަން އިތުރަށް ގޯސް ކުރުމަށް ވެސް ރައްޔިތުންގެ މަޖިލީހުގެ އެތެރެ އާއި ބޭރުގައި އަދި މަގުމަތީގައި ވެސް ޤާނޫނާއި އުސޫލުތަކުން ބޭރު، އަމަލުތަކެއް ހިންގާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އަދި އެއަމަލުތަކުގެ ތެރޭގައި ބައެއް އިއްޒަތްތެރިން ބަންދު ކުރަން ޖެހުނު ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.