މާލެހިޔާ އަދި ސިނަމާލެ ސޯޝަލް ހައުސިން ފްލެޓުތައް ބަލަހައްޓައި، ޚިދުމަތްތައް ދިނުމުގައި ސިޓީ ކައުންސިލުން އިންތިހާއަށް އިހުމާލުވެފައިވާ ކަމަށް ވިދާޅުވެ ހައުސިން މިނިސްޓަރ ޑރ. މުޙައްމަދު މުއިއްޒު ދެއްކެވި ވާހަކަފުޅުތައް މާލެ ސިޓީ ކައުންސިލުން ދޮގު ކޮށްފިއެވެ.
އެކައުންސިލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާލޭގެ މޭޔަރު ޝިފާ މުޙައްމަދު ވިދާޅުވީ ފްލެޓުތައް ބެލެހެއްޓުމަށް ރަސްމީކޮށް މާލެ ސިޓީ ކައުންސިލާއި ހަވާލު ކޮށްފައި ނުވާ ކަމަށާއި ސިޓީ ކައުންސިލުގެ ބޮލުގައި ބޮޑެތި އިލްޒާމުތައް އަޅުވަނީ އެކައުންސިލަށް ދޭންޖެހޭ ފައިސާވެސް ނުދެވިފައި އޮތުމުން ކަމަށެވެ.
މޭޔަރު ޝިފާ ވިދާޅުވީ މާލެހިޔާ ފްލެޓުތަކުގެ ލިފްޓު ހަލާކުވުމާއި ވިއްސާރަ ދުވަސްވަރު ސީލިންގުން ފެން ލީކުވުން ފަދަ މައްސަލަތައް ވަރަށް ގިނައިން ދިމާވެފައިވާއިރު އެކަންކަން ހައްލު ކުރެވެން އޮތީވެސް އެކަމަށް ބަޖެޓު ލިބިގެން ކަމަށެވެ. ނަމަވެސް އެކަށޭނަ ބަޖެޓު މިހާތަނަށް ވެސް ނުލިބުމުގެ ސަބަބުން މައްސަަތައް ހައްލު ކުރުމަށް ދަތިވެފައިވާ ކަމަށް ވެސް ޝިފާ ވިދާޅުވިއެވެ.
"ފްލެޓުތަކުގެ ކަންކަން ރަނގަޅު ކޮށްދިނުމަށް އެދި ވެތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި އެތައް ފަހަރަކު މިނިސްޓްރީ އަށް ސިޓީ ހުށަހެޅިން. އެކަމަކު މިނިސްޓަރު އެކަމަށް އެއްވެސް އިޖާބައެއް ނުދެއްވާ. އަޅުގަނޑުމެއް އަތުގައި ސިޓީތައް ވެސް އެބަހުރި. މިނިސްޓްރީން އަޅުގަނޑުމެންނަށް ފޮނުވި ސިޓީތައް ރައްޔިތުންނަށް ހާމަ ކުރަން މިތިބީ ތައްޔާރަށް. އިމާރާތުގެ މަރާމާތައް ބަޖެޓުގެ ތެރެއިންނާއި ބޭރުންވެސް އަމިއްލައަށް ފައިސާ ހޯދައިގެން މަސައްކަތްތަކެއް ކޮށްފައިވާނެ" މާލެ ސިޓީ ކައުންސިލުގެ މޭޔަރު ޝިފާ ވިދާޅުވިއެވެ.