ވިލިމާލޭ ގެސްޓްހައުސެއްގައި، މަސްތުވާތަކެތި ބޭނުން ކުރަން ތިބި އަށް މީހަކު މިއަދު ހައްޔަރު ކޮށްފިއެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި ވިލިމާލެ ގެސްޓްހައުސެއްގެ ތެރޭގައި މަސްތުވާ ތަކެތި ބޭނުން ކުރަމުންދާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކަށް، ވިލިމާލޭ ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ރޭ ދަންވަރު 1:30 ހާއިރު ހިންގި އޮޕަރޭޝަންގައި، އެގޭގެ ވެރި ފަރާތުގެ ހުއްދައާއިއެކު އެގެސްޓްހައުސަށް ވަދެ، ހައްޔަރު ކޮށްފައިވަނީ އުމުރުން 18 އަހަރުން ދަށުގެ ދެ ކުދިންނާއި 18 އަހަރުގެ މީހަކާއި 19 އަހަރުގެ މީހަކާއި 21 އަހަރުގެ ދެ މީހަކާއި 23 އަހަރުގެ މީހަކާއި އަދި 24 އަހަރުގެ މީހެކެވެ.
އެމީހުން ހައްޔަރުކޮށް ބަލައިފާސް ކުރުމުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް އަޅާފައިވާ ހަތަރު ސެލޯފިން ކޮޅާއި މަސްތުވާތަކެތި ބޭނުން ކުރުމަށް ގެންގުޅޭ ކަމަށް ބެލެވޭ ތަކެތި އެމީހުން ތިބި ކޮޓަރިން ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
އެމީހުން މިހާރު ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ. އަދި މިމައްސަލަ ވިލިމާލެ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.