ޝަހީރު މިމޭރުމުން ވިދާޅުވީ ހޮޓެލް ޖެންގައި މިއަދު ފެށި މޯލްޑިވްސް އެކައުންޓަންޓްސް ފޯރަމް 2018 އިފްތިތާޙް ކުރުމުގެ ރަސްމިއްޔާތުގައި ޝަހީރު ދެއްކެވި ވާހަކަފުޅުތަކާއި ގުޅިގެން މިއަދުނޫހުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ޝަހީރު ވިދާޅުވީ ސްރީލަންކާފަދަ ޤައުމުތަކުގައި އެކައުންޓިންގ ކިޔަވައިދޭތާ 200 ވަރަކަށް އަހަރުވެފައިވާ ކަމަށާއި ރާއްޖޭގައި އެކައުންޓިންގ ދާއިރާއިން މީހުން ކުރިއަށްދާން މަސައްކަތް ފެށީ ވަރަށް ފަހުން ކަމަށެވެ. "ކޮންމެވެސް ސިފައެއްގައި ވަރަށް އާދައިގެ ގޮތަކަށްވެސް އެކައުންޓިންގ ކިޔަވައިދޭން ފެށިތާ އަދި މިވަނީ އެންމެ 50 ވަރަކަށް އަހަރު. މަތީ ކޯސްތައް ހަދަން ފެށީ ވަރަށް ފަހުން."
ޝަޙީރު ވިދާޅުވީ މިހައި ކުރު މުއްދަތެއްގައިވެސް ދިވެހިން ވަނީ ވަރަށް ބޮޑެތި ކުރިއެރުންތައް ހޯދާފައި ކަމަށާއި ޕްރޮފެޝަނަލް ޗާޓަރޑް އެކައުންޓެންޓުން މިހާރު ރާއްޖޭގައި އެބަތިބި ކަމަށެވެ. އެކައުންޓިންގ މަސައްކަތްކުރާ ދިވެހި ކުންފުނިތައްވެސް މިހާރު އެބަހުރި ކަމަށާއި ހުރަސްތަކާއިއެކުވެސް އެ ކުންފުނިތަކުން ދަނީ ކުރިއެރުން ހޯދަމުން ކަމަށެވެ.
ޝަހީރު ވިދާޅުވީ ފާއިތުވި 20 އަހަރަށް ބަލައިފިނަމަ އެކައުންޓިންގގެ ދާއިރާގައިވެސް ރާއްޖެއިން ވަނީ ވަރަށް ބޮޑެތި ކުރިއެރުންތަކެއް ހޯދާފައި ކަމަށެވެ. ހަމައެއާއިއެކު އެކައުންޓިންގގެ މަސައްކަތްކުރާ ދިވެހި ކުންފުނިތައް ޤާނޫނީ ގޮތުން ބަލައިގަތުމުގެ ކަންކަން ހަމަޖެހެން ޖެހޭނެ ކަމަށެވެ.
އަދި ރާއްޖޭގެ ވިޔަފާރިތަކާއި ތަފާތު ސިނާއަތްތައް ކުރިއަރުވައި ތަރައްޤީކުރަން މަސައްކަތްކުރަމުން ގެންދާއިރު އެކައުންޓިންގެ ދާއިރާއިން ކުރިއަރާފައި ތިބި ޕްރޮފެޝަނަލް މީހުންގެ ޚިދުމަތް ޤައުމަށް ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ.
ޝަހީރު ވިދާޅުވީ އެކައުންޓިންގގެ ދާއިރާއަކީ ދެ ޖިންސަށް ވެސް ހަމަހަމަ ފުރުޞަތު އޮތް، އަދި ކުރިއަށް ދެވޭނެ މަގުތައް ހުޅުވާލެވިފައިވާ ދާއިރާއެއް ކަމަށާއި އެސްޓީއޯގެ މުވައްޒިފުން ގެންދަނީ އެކަމުގައި ނަމޫނާ ދައްކަމުން ކަމަށެވެ. "ކުންފުނީގެ ކަންކަން ކުރިއަށް ގެންދަން ބޭނުންވާ އެންމެ މުހިންމު މައުލޫމާތު ފޯރުކޮށްދެނީ އެ މުވައްޒިފުން. ކުންފުނީގެ ވިޔަފާރި ކުރިއަށް ގެންދަން ރާވަންޖެހޭ ކަންކަން ރާވައި ހެދެނީ ހިސާބުތަކަށް ބަލައިގެން."
މިއަދުގެ ރަސްމިއްޔާތުގައި އޮޑިޓަރ ޖެނެރަލް ޒިޔަތު ވަނީ ދިވެހި އެކައުންޓެންޓުންނަށާއި ޚިދުމަތްދޭ ކުންފުނިތަކަށް ހުރި ހުރަސްތައް ނައްތާލައި ކުރިއަށް ދެވޭނެ މަގު ފަހިކޮށްދެއްވަން މަސައްކަތްޕުޅު ކުރައްވާނެ ކަމުގެ ޔަޤީންކަން ވެސް ދެއްވައިފައެވެ. އަދި އެކަމާއިބެހޭ ބިލެއް މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގެ މިހާރުގެ ޙާލަތަށް ބަލައިފިނަމަ އެކައުންޓިންގ ސިނާއަތް ކޮންޓްރޯލުކުރަނީ ބޭރުގެ ކުންފުނިތަކުންނެވެ.