ރައީސުލްޖުމްހޫރިއްޔާ ށ. މިލަންދޫގެ ނަރުދަމާ ނިޒާމު މިއަދު ހެނދުނު އިފްތިތާޙްކޮށްދެއްވައިފި
ރައީސުލްޖުމްހޫރިއްޔާ ށ. މިލަންދޫގެ ނަރުދަމާ ނިޒާމު މިއަދު ހެނދުނު އިފްތިތާޙްކޮށްދެއްވައިފިއެވެ.
ށ. މިލަންދޫގައި ނަރުދަމާ ނިޒާމު ޤާއިމކުރުމަށްޓަކައި މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)އާ ޙަވާލުކުރީ 19 އޯގަސްޓް 2014 ގައެވެ. އެ ކޮންޓްރެކްޓް އެއްބަސްވުމުގެ ދަށުން 15 މަސްދުވަހުގެ ތެރޭގައި އެރަށުގެ ނަރުދަމާ ނިޒާމު ޤާއިމުކުރުމަށް ވަނީ އެއްބަސްވެވިފައެވެ.
މި މަޝްރޫޢަކީ ޑައިރެކްޓް ނެގޯސިއޭޝަންގެ ދަށުން ޑިޒައިން އެންޑް ބިލްޑް އުޞޫލުން ކުރިއަށް ގެންދެވިފައިވާ މަޝްރޫޢެއްކަމުން، މި މަޝްރޫޢު އެމް.ޑަބްލިއު.އެސް.ސީއާއި ޙަވާލުކުރުމާއި އެކު އެ ރަށުގައި ޕަމްޕް ސްޓޭޝަން ބަހައްޓާނެ ބިން ފާހަގަކުރުމާއި، އޭގެ މައްޗަށް ބިނާކޮށް ޑިޒައިން ކުރުމާއި، އީ.އައި.އޭ މަސައްކަތްތައް ވަނީ ކުރިއަށްގެންގޮސްފައެވެ.
މި މަޝްރޫޢުގެ ދަށުން ށ. މިލަންދޫގައި 5 ޕަމްޕް ސްޓޭޝަން ބަހައްޓައި 13.2 ކިލޯމީޓަރުގެ ނަރުދަމާ ވިއުގައެއް ވަނީ ޤާއިމުކުރެވިފައެވެ. އަދި ރަށުގެ 700ގެއަށް ވަނީ މި ޚިދުމަތް ދެވިފައެވެ. އަދި ރަށުން އުފެދޭ ނަޖިސް ބޭރުކުރުމަށް 150 މީޓަރުގެ އައުޓް ފޯލް ހޮޅި ވަނީ އަޅާފައެވެ. މިގޮތުން މި ނިޒާމުގެ ޚިދުމަތް 27 މާރިޗް 2017އިން ފެށިގެން ފެނަކަ ކޯޕަރޭޝަނުން ދަނީ އެރަށުގައި ފޯރުކޮށްދެމުންނެވެ.
މައުލޫމާތު: އެންވަޔަރަންމަންޓް މިނިސްޓްރީ