ނައިބް ރައީސަކު މިމަހު 10ގަ ޢައްޔަނުކުރާނެ- ސަމީރު
މިއަހަރުގެ ރިޔާސީ އިންތިޚާބުގައި އިދިކޮޅު ފަރާތްތަކުން ނެރޭނެ ނައިބްރައީސަކު ކަނޑައެޅުމުގެ ފުރުޞަތު ޖޭޕީއަށް ލިބިފައިވުމުން މިމަހު 10 ވަނަ ދުވަހު ޕާޓީން އެކަމަށް ކެންޑިޑޭޓަކު ކަނޑައަޅާނެ ކަމަށް ޖޭޕީގެ ސެކެޓްރީ ޖެނެރަލް އަޙްމަދު ސަމީރު ވިދާޅުވެއްޖެއެވެ.
ކުނޫޒުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ސަމީރު މިއަދު ވިދާޅުވީ ކެންޑިޑޭޓަކު ކަނޑައަޅަން ބަލަންޖެހޭ ޤާނޫނީ ކަންތައްތަކެއް ހުންނަ ކަމަށާއި އަދި ޕާޓީގެ ތެރެއިން ނިންމަންޖެހޭ ކަންތައްތަކެއްވެސް ހުންނަ ކަމަށެވެ. ވަގުތު ބޭނުންވަނީ އެކަންކަން ނިންމަން ޕާޓީގެ ތެރެއިން ކުރަންޖެހޭ މަސައްކަތްތައްކޮށް ނިންމުމަށް ކަމަށެވެ.
ސަމީރު ވިދާޅުވީ ޖޭޕީގެ އެތެރޭގެ ކަންކަން އަމިއްލައަށް ނިންމުމުގެ ޤާބިލުކަން ޕާޓީއަށް ލިބިފައިވާ ކަމަށާއި އެކަމަށް އިތުރު ބައެއްގެ އެހީތެރިކަން ބޭނުން ނުވާ ކަމަށެވެ. ނަމަވެސް ކޯލިޝަނުގެ ބައިވެރިންނާއި މަޝްވަރާކޮށްގެން ނިންމަންޖެހޭ ކަންކަން ޕާޓީން ނިންމާނީ ކޯލިޝަނުގެ މެންބަރުންނާއި މަޝްވަރާކޮށްގެން ކަމަށެވެ. "ވީމާ އެހެން ބައަކު ޕާޓީގެ އެތެރޭގެ ކަންކަން ނިންމުމާއިބެހޭ ގޮތުން ކަންބޮޑުވެ ވާހަކަދައްކާކަށް ނުޖެހޭނެ."
ސަމީރު ވިދާޅުވީ ނައިބް ރައީސަކަށް ބޭފުޅަކު ކަނޑައެޅުމަށް ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ކެންޕޭނު ކުރުމަކީ ޑިމޮކްރަސީގެ ތެރެއިން ކުރަމުން ގެންދާ ކަމެއް ކަމަށާއި އެއީ ކޮންމެ މީހަކަށް ވެސް ލިބިގެންވާ ހައްޤެއް ކަމަށެވެ. އެކަމާއި ޖޭޕީން ނުބެހޭނެ ކަމަށެވެ.
ސަމީރު ލިދާޅުވީ ޖޭޕީން ކަނޑައަޅާ ކޮންމެ މަޤާމަކަށް ކުރިމަތިލުމުގެ ފުރުޞަތު، ޕާޓީގެ ކޮންމެ މެންބަރަކަށްވެސް ލިބިފައިވާ ކަމަށާއި އެކަމަށް ޕާޓީން ހުރަސް ނުއަޅާނެ ކަމަށެވެ. އެހެންކަމުން އެފުރުޞަތަކީ ޕާޓީގެ ހުރިހާ މެންބަރުންނަށް ވެސް ލިބިފައިވާ ފުރުޞަތެއް ކަމަށެވެ.
ސަމީރު ވިދާޅުވީ ޖޭޕީއަށް ލިބިފައިވާ ފުރުޞަތުގެތެރެއިން ރަނިންގ މޭޓު ކަނޑައެޅުމުގެ ފުރުޞަތުގައި ޖޭޕީން ކަނޑައަޅާނީ ޖޭޕީއަށް ފެންނަ ކެންޑިޑޭޓަކު ކަމަށެވެ. ކެންޑީޑޭޓުގެ ކިބައިގައި އެއްވެސް މައްސަލައެއް ހުރިނަމަ އެ މައްސަލައަކަށް މަޝްވަރާކުރުމުގެ ފުރުޞަތު ކޯލިޝަނުގެ ބައިވެރިންނަށް އޮންނާނެ ކަަމަށެވެ.
ސަމީރު ވިދާޅުވީ ރަނިންގ މޭޓަކަށްވެވަޑައިގަތުމަށް ޝައުޤުވެރިވާކަން އެއްވެސް މެންބަރަކު އަދި ހާމަކުރައްވާފައި ނުވާކަމަށާއި ކެންޕޭނުތައް ކުރިއަށް ގެންދަނީ ސަޕޯޓަރުން ކަމަށެވެ. އަދި އެކަމުންވެސް އެނގިގެންދަނީ މަޤާމަށް ޤާބިލު މެންބަރުންތަކެއް ޖޭޕީގައި އެބަތިބިކަން ކަމަށާއި އެކަމަށްޓަކައި ޕާޓީން އުފާކުރާ ކަމަށެވެ.
ސަމީރު ވިދާޅުވީ ޕާޓީގެ ބާނީ ޤާސިމް އިބްރާހީމްގެ އަނބިކަނބަލުން ޢައިޝަތު ނަހުލާއަކީ ވެސް ޕާޓީގެ މެންބަރެއް ކަމަށާއި މަޤާމަށް ކުރިމަތިލެއްވުމުގެ ފުރުޞަތު އެކަމަނާއަށްވެސް އޮންނާނެ ކަމަށެވެ. ނަމަވެސް ކަންކަން ނިންމާނީ ކަންކަން ނިންމަން ޕާޓީގެތެރޭގައި އޮންނަ ހަރުދަނާ އުޞޫލުތަކުން ކަމަށެވެ.