ރައްޔިތުންގެ ބޮލުގައި އިސްރާފު ދަރަނި އެޅުވުމަކީ ރައްޔިތުންނަށް ދެވޭނެ އެންމެ ބޮޑު އަނިޔާކަމަށް ޖޭޕީގެ ނައިބްރައީސް ޑރ. ޢަބްދުﷲ މަޢްޞޫމް ވިދާޅުވެއްޖެއެވެ.
ޑރ. މަޢްޞޫމް މިއަދު ވިދާޅުވީ ރައްޔިތުންގެ އަތުން ސަރުކާރަށް ނަގަމުން ގެންދާ ޓެކްސްތަކުންނާއި ދައުލަތަށް ލިބެމުންދާ އާމްދަނީއަށްވުރެ އިތުރަށް ދަރަނި ވެރިވަމުންދާނަމަ ދަރަނިވެރިވާންޖެހޭނީ ދެއްކޭނެކަން ޔަޤީންކުރެވޭ މިންވަރަކަށް ކަމަށެވެ. ނޫންނަމަ ޤައުމު ދަރަނިވެރިވެ ބަނގުރޫޓުވުމުގެ މައްސަލަތައް ބައެއް ޤައުމުތަކަށް މިހާރުވެސް ވަނީ ކުރިމަތިވެފައި ކަމަށެވެ.
ޑރ. މަޢްޞޫމް ވިދާޅުވީ ސަރުކާރުން ހިންގާ މަޝްރޫއުތައް، ޚާއްޞަކޮށް ދަރަނިވެރިވެގެން ހިންގާ މަޝްރޫއުތައް ހިންގަން ޖެހޭނީ ވީހައި ބޮޑަށް ޚަރަދަށް ބަލައިގެން ކަމަށާއި އެއްވެސް ގޮތަކުން އިސްރާފުވާނަމަ އެލިބެނީ ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ. އެހެންކަމާއިއެކުވެސް ރާއްޖޭގައި ހިންގާ ކޮންމެ މަޝްރޫއަކާއި ގުޅިގެންވެސް އެނގެމުންދަނީ އެތައް ބައިވަރުވެ ފައިސާތަކެއް އިސްރާފުވެ މަޝްރޫއުގެ އަގު އެތައް ގުނައަކަށް އުފުލިގެންދާކަން ކަމަށެވެ. "އިސްރާފު ނެތި ހަމަ އަގުގަ މަޝްރޫއުތައް ކުރިއަށް ގެންދާނަމަ ރާއްޖޭގެ ދަރަނި މިހައި ބޮޑުތަން އިތުރުވެގެނެއް ނުދާނެ."
ޑރ. މަޢްޞޫމް ވިދާޅުވީ ޤައުމު ދަރާދަރަންޏަކީ އަދާނުކޮށް ސަލާމަތްވެވޭނެ އެއްޗެއް ނޫންކަމަށެވެ. ޤައުމު ދަރާދަރަނި ދާނީ ދަރިންނަށް ވާރުތަވަމުން ކަމަށާއި އެހެންކަމަށްވާއިރު ދަރަންޖެހޭނީ ދަރިންނަށް ތަކުލީފަކަށް ނުވެ ދަރަނިން ސަލާމަތްވެވޭނެ މިންވަރަށް ކަމަށެވެ. "އެހެންނޫނީ އިޤްޠިޞާދީ މިނިވަންކަމެއް ދުވަހަކުވެސް ނުލިބޭނެ."
ޑރ. މަޢްޞޫމް ވިދާޅުވީ ޢާންމު ދިރިއުޅުމަށް ބެލި ނަމަވެސް ރައްޔިތުންނަށް އަބަދުވެސް ދިރިއުޅެން ޖެހެނީ ދަރަނިވެރިކަމެއްގެ ތެރޭގައި ކަމަށެވެ. "ބިލްތައް ނުދެއްކިގެން، ކުލި ނުދެއްކިގެން، ލޯނު ނުދެއްކިގެން މިހެންގޮސް ކޮންމެވެސް ބާވަތެއްގެ ދަރަންނެއްގެ ތެރޭގައި އުޅެން މިޖެހެނީ."
"އެހެންވީމާ ދަރަނިވެރިވެރިވުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް، ދަރަނިވެރިވެ ދަރަނިތައް މަތިމައްޗަށް އިތުރުވަމުން ދިއުމަކީ ލިބޭ ކުރިއެރުމެއް ކަމަށް ޤައުމުގެ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވުމަކީ ދަރަނިވެރިވުމަށް ރައްޔިތުންނަށް ދެއްވޭ ހިއްވަރެއް. އެއީ ކުރައްވަން ރަނގަޅު ކަމެއް ނޫން. ރައީސުލްޖުމްހޫރިއްޔާ ހިއްވަރު ދެއްވަންވާނީ ދަރަނިވެރި ނުވެ ފުދުންތެރި ދިރިއުޅުމެއް އުޅެން. އިތުރު އާމްދަނީ ހޯދައިގެން ނޫނީ ލިބޭ މިންވަރަކުން ކަންކަން ކުރަން. އެއިރުން ރައްޔިތުންނަށް އެކަންކަން ދަސްވެ އަމަލުކުރަން ހިއްވަރު ލިބޭނީ." ޑރ. މަޢްޞޫމް ވިދާޅުވިއެވެ.