އެހެން ޤައުމެއްގެ ރައްޔިތުކަން އޮންނަ މީހަކަށް ރިޔާސީ އިންތިހާބަށް ކުރިމަތިލެވޭނީ އެޤައުމެއްގެ ރައްޔިތުކަން ދޫކޮށްލާތާ 10 އަހަރު ފަހުން ކަމަށް ކަނޑައަޅައި، ރިޔާސީ އިންތިހާބާ ބެހޭ ޤާނޫނަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އިސްލާހު ފާސްކޮށްފިއެވެ.
ސަރުކާރުގެ ފަރާތުން އެއިސްލާހު މަޖިލީހަށް ހުށަހެޅުއްވީ ޕީޕީއެމް ގެ ޕީޖީ ލީޑަރު އަހުމަދު ނިހާނު އެވެ.
މަޖިލީހުގައި މިއިސްލާހު ފާސް ކުރުމަށް މިއަދު ބޭއްވި ޖަލްސާގައި ވޯޓަށް އަހާފައިވާއިރު، އިސްލާހު ފށްވެފައިވަނީ ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 34 މެންބަރުންގެ އިއްތިފާގުންނެވެ.
މަޖިލީހަށް ނިހާނު މިއިސްލާހު ހުށަހަޅާފައިވަނީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލާއި ޤައުމިއްޔަތު ރައްކާ ކުރުމަށް އެއިސްލާހު މުހިންމު ކަމަށް ބުނެއެވެ.
މީގެ އިތުރުން މަޖިލިހަށް ހުށަހެޅި އިންތިހާބަށް ކުރިމަތިލާ ފަރާތްތަކުން ދައްކަން ޖެހޭ ފައިސާގެ އަދަދު 100،000 ރުފިޔާ އަށް ބޮޑު ކުރުމަށް ހުށަހެޅި ބިލު ވެސް މިއަދުގެ މަޖިލީހުގައި ވަނީ ފާސް ކޮށްފައެވެ.