އުރީދޫގެ ފަރާތުން ޑިޖިޓަލް ދުނިޔެއަށް ތަފާތު ޚިޔާލުތަކާއި ކުރިއެރުން ތަކެއް ގެނެސް ދިނުމަށްޓަކައި ނިރޫ އެކްސެލެރޭޓަރ ތަޢާރަފް ކޮށްފިއެވެ.
މިއެކްސެލެރޭޓަރ ތަޢާރަފް ކޮށްދެއްވީ މިއަދު ހަވީރު ސޯލްޓް ކެފޭގައި މިކަމަށްޓަކައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް އިރުތިޝާމް އާދަމް އާއި ޔޫއެންޑީޕީ ގެ ފަރާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަ ރެޕްރެޒެންޓޭޓިވް ޝޮކޮ ނޯޑާ އެވެ.
ނިރޫ އެކްސެލޭޓަރ އާއި ބެހޭގޮތުން މައުލޫމާތު ދެއްވަމުން އުރީދޫއިން ބުނެފައިވަނީ މިއީ ބޭނުންވާ ވަސލަތްތަކާއި ތަޖުރިބާކާރުންގެ އެހީގައި ދެމެހެއްޓެނިވި ގޮތެއްގައި ކާމިޔާބު ވިޔަފާރިއެއް ފަށައިގަތުމަށް ވަރަށް އެދެވިގެންވާ ޕްލެޓްފޯމެއް ކަމަށެވެ.
މިޕްރޮގްރާމަށް ހޮވޭ ޓީމުތަކަށް ފަންޑު ކޮށްދިނުމާއި ތަޖުރިބާކާރުންގެ ލަފަޔާއި މަސައްކަތް ކުރާނެ ތަނާއި އަދި ވިޔަފާރި ބިނާކުރުމަށް ބޭނުންވާ ޑިޖިޓަލް އާލާތްތައް އަދި ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށެވެ.
މިޕްރޮގްރާމްގައި ބައިވެރިވުމަށް މިހާރުވެސް ooredoo.mv/niru ލޮގިން ކުރައްވައިގެން ރެޖިސްޓަރ ކުރެވޭއިރު ނިރު އެކްސެލެރޭޓަރ ގައި ބައިވެރިވުމުގެ ފުރަތަމަ ފިޔަވައްސަކީ ކުރިއަށް އޮތް އޯގަސްޓް މަހުގައި ބޭއްވޭ ހެކަތޮން ކަމަށެވެ. އުރީދޫ ހެކަތޮން އަށް ހުށަހެޅޭ ކޮންސެޕްޓުތަކުގެ ތެރެއިން ހޮވާލެވޭ އެންމެ ރަނގަޅު ޚިޔާލުތައް އެކްސެލެރޭޓަރ ގައި ބައިވެރި ކުރެވޭނެ ކަމަށް ވެސް އުރީދޫއިން ބުނެފައިވެއެވެ.