ޖުމްހޫރީ ޕާޓީ ބައިވެރިވާ ވެރިކަމެއްގެ ކޯލިޝަން އެއްބަސްވުމުގެ މައިގަނޑު އަސާސްތައް ހިމެނޭގޮތަށް 11 ހުށަހެޅުމެއް އެޕާޓީން ކޯލިޝަން ބައިވެރިންނަށް ހުށަހަޅައިފިއެވެ.
ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވީ ޖޭޕީން ރައްޔިތުންނަށް ވާ ވައުދުތަކުގެ ގޮތުގައި ޕާޓީގެ ބާނީ ގާސިމް އިބްރާހީމްގެ ލަފާފުޅާއެކު 11 ހުށަހެޅުމެއް ގުޅިފައިވާ ޕާޓީތަކުގެ ބައިވެރިންނަށް ހުށަހަޅާފައިވާ ކަމަށެވެ.
މިގޮތުން އިސްލާމްދީނަށް އެއްވެސް މިންވަރެއްގެ އުނިކަމެއް އަންނާނެ އެއްވެސް ކަމެއް ނުކުރުމަށާއި، ދިވެހި ރައްޔިތުންނަށްޓަކައި 4 ޕާޓީ ވަކިނުވެ ރައްޔިތުންނަށްޓަކައި ހެޔޮލަފާ ކޯލިޝަން ވެރިކަމެއް ކުރުމަށް ހުށަހަޅާފައިވާ ކަމަށް ސަމީރު ވިދާޅުވިއެވެ. ސަމީރު ވިދާޅުވީ އެފަދަ ވެރިކަމެއްގައި ޕާޓީތަކުން އެއްބަޔަކު އަނެއް ބަޔެއްގެ ޚިޔާލުތަފާތުވުންތަކަށް ފުރިހަމައަށް އިހުތިރާމްކޮށް، އެއްވެސް ޕާޓީއެއްގެ އެއްވެސް ވަޒީފާއެއް ނުވަތަ ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ ހިއްސާއެއް އުނި ނުވަތަ ވަކި ނުކޮށް ރައްޔިތުންގެ އުންމީދުތަކާއެކު ރައްޔިތުންނަށް އޯގާތެރި ހެޔޮ ވެރިކަމެއް ކޮށްދިނުމަށް ޖޭޕީން ހުށަހަޅާ ކަމަށެވެ.
ޖޭޕީގެ ތިންވަނަ ވައުދަކީ ސަލާމަތީ ޚިދުމަތްތައް، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އަދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބާރާއި ޚިދުމަތަށް ގާނޫނަކުންވިޔަސް ނުވަތަ އެނޫން ގޮތަކުންވިޔަސް އެއްވެސް އުނިކަމެއް ނުގެނެއުމެވެ. އަދި އެއްވެސް ހާލަތެއްގައި އެއްވެސް މިންވަރަކަށް ރާއްޖެއިން ބޭރުގެ ސިފައިން ދިވެހި ދައުލަތުގެ ޚިދުމަތަށް ނުގެނެއުމެވެ.
މީގެ އިތުރަށް އެއްވެސް ހާލަތެއްގައި އެއްވެސް މިންވަރަކަށް ރާއްޖެއިން ބޭރު ފަނޑިޔާރުން ރާއްޖޭގެ ފަނޑިޔާރުގެތަކަށް ފަނޑިޔާރުންގެ ގޮތުގައި ނުގެނެއުމަށާއި ސިޔާސީ ނުފޫޒުން ޖުޑީޝަލް ސަރވިސް ކޮމިޝަނާއި ފަނޑިޔާރުން މިނިވަންކުރުމަށް ވަނީ ހުށަހަޅާފައެވެ.
ދައުލަތުގެ ސްޓްރެޓީޖިކް އެއްވެސް އިންވެސްޓްމެންޓެއް، ގައުމުގެ އެއްވެސް މައި ދޮރާއްޓެއް ރާއްޖޭގެ އިސްތިގްލާލަށް ބުރޫއަރާނެ ފަދަ ގޮތަކަށް އެއްވެސް ބައެއްގެ އަތްމައްޗަށް ދޫކޮށް ނުލުމަށާއި، ދައުލަތުގެ މިފަދަ މުހިންމު ހުރިހާ އަސާސްތަކެއް ހުންނަންވާނީ އަބަދުވެސް ދިވެހި ދައުލަތާއި ސަރުކާރުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް ޖޭޕީން ބުނެއެވެ.
އަދި ބުނެފައިވަނީ ރާއްޖޭގެ ބިން ބޭރު ބަޔަކަށް މިލްކުކުރެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނެވުނު އިސްލާހާއި، 65 އަހަރުން މަތީގެ މީހުންނަށް ރައީސުލްޖުމްހޫރިއްޔާކަމަށް ކުރިމަތިނުލެވޭގޮތަށް ގާނޫނުއަސާސީގެ އަސާސީ ހައްގުތަކުގެ ބާބަށް އުނިކަމެއް ލިބޭނެފަދަ ގޮތަށް ގެނެވުނު އިސްލާހާއި، މީގެ އިތުރަށް 2008 ގައި ތަސްދީގު ކުރެވުނު ފެހި ގާނޫނުއަސާސީގެ އަސްލާއި އޭގެ ރޫހާ ޚިލާފު އެންމެހައި ކަންކަން އަލުން ގާނޫނުއަސާސީގެ އަސްލަށް ރުޖޫއަކުރުމަށް ހުށަހަޅާ ކަމަށެވެ. އޭގެ ތެރޭގައި ޚާއްސަކޮށް ރައްޔިތުންގެ އަސާސީ ހައްގުތަކަށް އުނިކަން ލިބޭ ގޮތަށާއި، ޚިޔާލުފާޅުކުރުމާއި މިނިވަން ނޫސްވެރިކަމާއި، ރައްޔިތުންގެ މަޖިލީހާއި އެމަޖިލީހުގެ މެންބަރުންގެ ހައްގުތަކާއި، ފަނޑިޔާރުގެއާއި ފަނޑިޔާރުންގެ ހައްގުތަކާއި، މުޅި ދައުލަތާއި ރައްޔިތުންގެ ހައްގުތަކަށް އުނިކަންލިބޭ ގޮތަށް ފާސްކުރެވުނު އެންމެހާ ގާނޫނުތަކާއި ގަވާއިދެއް އަލުން އިސްލާހު ކުރުމަށް ޖޭޕީން އެދެއެވެ.
އެއްވެސް ބާވަތެއްގެ މަސްތުވާތަކެއްޗެއް، ބާރުގަދަ ވިޔަސް ބާރު ކުޑަވިޔަސް ދިވެހި މުޖުތަމައުގައި ބަލައިނުގަތުމަށާއި، ކޯލިޝަން މެނިފެސްޓޯއެއް އިއުލާންކޮށް އެމެނިފެސްޓޯ ހުރިހާ ޕާޓީތަކުގެ ފަރާތުން ތަންފީޒުކުރުމަށާއި، އަދި އަނިޔާލިބި، މަރުވެ، ގެއްލުވާލެވި، ޖަލަށްލެވި، އަރުވާލެވި، މުދަލަށް ގެއްލުން ލިބުނު ހުރިހާ ރައްޔިތުންނަށް އިންސާފު ލިބިދެވި ދައުލަތުން އޭގެ ގެއްލުމުގެ ބަދަލު ލިބިދިނުމަށް ވެސް ޖޭޕީން ވަނީ ގުޅިފައިވާ ޕާޓީތަަކަށް ހުށަހަޅާފައެވެ.
މީގެ އިތުރަށް ޖޭޕީން ހުށަހަޅާ ވައުދުތަކުގެ ގޮތުގައި ވަނީ ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމް ބަދަލު ނުކުރުމަށާއި، ކޮމަންވެލްތުގައި އަލުން ބައިވެރިވެ، ބައިނަލްއަގުވާމީ ދުނިޔެއާ ގުޅުންބަދަހިކޮށް މިނިވަން ޚާރިޖީ ސިޔާސަތެއް ގާއިމްކުރުމަށް އެދިފައެވެ. އަދި ކޯލިޝަން ސަރުކާރުގެ ބޮޑެތި ހުރިހާ ނިންމުމެއް ކޯލިޝަންގެ އިސްވެރިންގެ ކައުންސިލެއް އުފައްދާ އެކައުންސިލުން ފާސްކޮށް ކުރިއަށް ގެންދިއުމަށް ވެސް ޖޭޕީން ވަނީ އިލްތިމާސްކޮށްފައެވެ.
ޖުމްހޫރީ ޕާޓީން ބުނީ މިއީ ޖުމްހޫރީ ޕާޓީން ދިވެހި ރައްޔިތުންގެ ރައްކާތެރިކަމާއި ހަމަޖެހުމާއި ގައުމުގެ އިސްތިގުލާލާއި ސިލްމާއި ސަލާމާއި މިއަދު ދިވެހިރާއްޖެ އޮތް ހާލަތުން ގައުމު ސަލާމަތްކުރުމަށްޓަކައި އެޕާޓީން ކޯލިޝަން ބައިވެރިންގެ ކިބައިން ވައުދުވާން އެދޭ ވައުދުތައް ކަމަށެވެ.
މިއީ 2008 ވަނަ އަހަރާއި 2013 ވަނަ އަހަރުވެސް ޖުމްހޫރީ ޕާޓީން ވަރަށް އިޚުލާސްތެރިކަމާއި ވަރަށް ފޮނި އުންމީދާއެކު ރައްޔިތުންނާއި ގައުމުގެ ހައްގުގައި ނިންމި ނިންމުމާއި ކުރި ބުރަ މަސައްކަތުގެ ނަތީޖާއިން އުފެދުނު ސަރުކާރުތަކުން ކަންތައްތައް ވެގެންދިޔަގޮތުން މިއަދު އެޕާޓީން ގޮތެއް ނިންމުމުގައި ކޯލިޝަން އެއްބަސްވުމެއްގެ މައިގަނޑު ރުކުންތަކާއި އަސާސްތަކުގެ ތެރޭގައި ހިމަނަން ކޮންމެހެންވެސް އެދޭ މުހިންމު އުންސުރުތައް ކަމަށެވެ.
ޖުމްހޫރީ ޕާޓީ އަބަދުވެސް އޮންނާނީ ދިވެހި ރައްޔިތުންނާއި ދިވެހި ގައުމަށް އެންމެ ހަމަޖެހޭ ގޮތަކަށް ކަމަށާއި އެއީ ރާއްޖޭގެ އާންމު ރައްޔިތުންގެ ޕާޓީއެއް ކަމަށެވެ. އަބަދުވެސް ތިބޭނީ ގައުމާއި ރައްޔިތުންނާ އެކުގައި ކަަމަށާއި ވައުދުވާން ބޭނުންވަނީ، ކޯލިޝަން ހަދަން ބޭނުންވަނީ ދިވެހި ގައުމާ އެކުގައި، ދިވެހި ރައްޔިތުންނާ އެކުގައި ކަމަށް ވެސް ޖޭޕީން ވަނީ ބުނެފައެވެ.
- ޚަބަރު: ވީނިޔުސް