ކުޑަކުދިން ނުބައި ބަސްތައް ކިޔާނަމަ ހުއްޓުވަން ހަދާނީ ކިހިނެއްތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
ކުޑަކުދިން ނުބައި ބަސްތައް ކިޔާނަމަ ހުއްޓުވަން ހަދާނީ ކިހިނެއްތަ؟

ގިނަ ބައަކު އެއްގެއެއްގައި ދިރިއުޅޭއިރު އެކަކު ނަމަވެސް ނުރަނގަޅު ބަސްތައް ބޭނުންކުރާނަމަ ކުޑަކުދިން އެބަސްތައް ދަސްކޮށްގެން ކިޔައެވެ. އެހެންކަމުން އެކަން ހުއްޓުވުމަށް ކުރެވިދާނެ އެންމެ މުހިންމު ކަމަކީ އެފަދަ ބަސްތައް ބޭނުން ނުކުރުމެވެ. ހަމަ އެއާއިއެކު ދަރިންނަށް އަޑުއިއްވައި ގިނަގިނައިން ހެޔޮ ބަސްތައް ކިޔުމެވެ.

ސުވާލު: "އަޅުގަނޑުގެ 3 އަަހަރުގެ ދަރިފުޅު ކަަންކަމާއި ގުޅިގެން ވާހަކަ ދައްކާއިރު "ޝިޓް" މިބަސް ވަރަށް ގިނައިން ބޭނުން ކުރެވޭ. ވަރަށް ހުއްޓުަން އުޅެން. އަދި އެކަމެއް ނުވޭ. މިކަންތައް ރަނގަޅުކުރެވޭނީ ކިހިނެއްތޯ؟"

ޖަވާބު: "ކުޑަ ކުދިންނަށް ވާހަކަ ދެއްކިގެން އަންނަ އުމުރުގައި މާހައުލުގެ ތެރެއިން އިވޭ ތިފަދަ ވަރަށް ގިނަ ބަސްތައް ކޮޕީކުރާނެއެވެ. އުޅޭ ގޭގައި ތިފަދަ ބަސްތައް ބޭނުންކުރާ މީހަކު އުޅޭނަމަ ރީތިކޮށް އޭނާއަށް ނަޞޭޙަތްދީގެން އެކަން ހުއްޓުވޭތޯ މަސައްކަތްކުރާށެވެ.

އަދި ދަރިފުޅު އެފަދަ ބަހެއް ބޭނުންކުރި ނަމަވެސް އެއީ މާބޮޑު ކަމެއްގެ ގޮތުގައި އެކަން އެވަގުތު ނުހަދާށެވެ. އެއީ މާބޮޑު ކަމަކަށް ހަދާނަމަ މީހުންގެ ސަމާލުކަން ހޯދަން އެކަން ކުރުމަކީވެސް ވަރަށް އެކަށީގެންވާ ކަމެކެވެ.

އެހެން ނަމަވެސް އެވާހަކަ އެހެން ގޮތަކަށް އޮޅުވާލައިގެން ގިނަގިނައިން ހެޔޮ ބަސްތައް ކުއްޖާއަށް އަޑުއިވޭ ގޮތަށް ކިޔައިގެން ކަންތައް ބަދަލުކުރެވޭތޯ ބަލާށެވެ.
މިސާލަކަށް ކޮންމެ ކަމެއް ކުރަން ފެށުމުގެ ކުރިން ކުއްޖާއަށް އަޑުއިވޭވަރަށް ބިސްމިﷲ ކިޔާށެވެ. އަދި އަލްޙަމްދުލިﷲ ފަދަ ބަސްތައް ބޭނުންކުރުން ގިނަކުރާށެވެ. އަދި ޤްރްއާން ފަދަ އެއްޗެތި ކުއްޖާއަށް އަޑުއިވޭގޮތަށް ޖަހާފައި ގިނަގިނައިން ބަހައްޓާށެވެ.

ހުރިހާ ސަބަބުތަކެއްގައި ހިފުމަށްފަހު (ކުރެވެންހުރި ހުރިހާ ކަންކަން ކުރުމަށްފަހު) ﷲ ތަޢާލާގެ ކިބައިން މަދަދަށް އެދޭށެވެ. ﷲ ތަޢާލާގެ އެހީތެރިކަމާއި ނުލައި އަޅުގަނޑުމެންނަށް އެއްވެސް ކަމެއް ނުކުރެވޭނެއެވެ."

ޖަވާބުދެއްވީ: އައްޝައިޚް މުޙައްމަދު ޝިހާމް
މިއަދު އޮންލައިން