ޖުލައި 9 ވަނަ ދުވަހު ބްރިޖް ގުޅާލެވޭނެ- އޮގަސްޓް މަހު މަސައްކަތް ނިމޭނެ ކަމުގެ ޔަޤީންކަން ކޮންޓްރެކްޓަރު ދޭ: ޑރ. މުޢިއްޒު
މި ހިނގާ ޖުލައި މަހުގެ 9 ވަނަ ދުވަހަކީ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖުގެ ދެ ބުރި ގުޅާލެވި މާލެ އާއި ހުޅުލެ ގުޅައިލެވޭ ތާރީޚީ ދުވަސް ކަމަށް ހައުސިންގ މިނިސްޓަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ނޫސްވެރިންނަށް މައުލުމާތު ދެއްވަމުން ޑރ. މުޢިއްޒު މިއަދު ވިދާޅުވީ ބްރިޖުގެ މަސައްކަތް ނިންމަން ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހު ކަމަށާއި ނަމަވެސް މުއްދަތުގެ އެއް މަސް ދުވަސް ކުރިން މަސައްކަތް ނިންމާނެ ކަމުގެ ޔަޤީންކަން ބްރިޖުގެ މަސައްކަތްކުރާ ކޮންޓްރެކްޓަރު ދެމުން ގެންދާ ކަމަށެވެ.
އެހެންކަމަށްވާނަމަ ބްރިޖްގެ ހުރިހާ މަސައްކަތްތަކެއް އޮގަސްޓްމަހުގެ ތެރޭގައި ނިމިގެންދާނެ އެވެ.
ޑރ. މުޢިއްޒު ވިދާޅުވީ މާލޭ ބޮޑުތަކުރުފާނު މަގު ބޮޑުކޮށް ތަރައްޤީކުރުމުގެ މަސައްކަތާއި އަދި ބްރިޖާއި ގުޅިގެން ހުޅުލޭ ކޮޅުން ފެށިގެން ހުޅުމާލެއަށް ހަދާ މަގުގެ މަސައްކަތްތައްވެސް ބްރިޖުގެ ކުރިން ނިންމައިލެވި ބޭނުންކުރަން ފެށޭނެ ކަމަށެވެ.
ޑރ. މުޢިއްޒު ވިދާޅުވީ ބްރިޖުގެ މަސައްކަތްތަކުގެ ފެންވަރު ބަލަހައްޓަމުން ގެންދަނީ އެކަމަށް ކަނޑައަޅާފައިވާ ބައިނަލްއަޤްވާމީ ކޮންސަލްޓަންޓް ކަމަށެވެ. އަދި އެފަރާތަކީ މިފަދަ ކަމަކަށް ދުނިޔޭގެ އެންމެ ޤާބިލު އެއް ފަރާތްތަކަށާއި ބްރިޖުގެ ކަންކަން ބަލަހައްޓަނީ އެ ކުންފުނީގެ އެންމެ އިސްފަރާތުން ކަމަށްވުމުން ބްރިޖު އަޅަމުން ގެންދަނީ އެންމެ ރަނގަޅު ފެންވަރުގައި ކަމުގެ ޔަޤީންކަން އެބައޮތް ކަމަށެވެ.