ފިހާރައިގެ ވެރިމީހާގެ މޫނަށް ހިކިމިރުސްކުނޑި ޖެހުމަށްފަހު 25 ލައްކަ ރުޕީސް ގަހަނާ ވަގަށް ނަގައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 51ސ
ފިހާރައިގެ ވެރިމީހާގެ މޫނަށް ހިކިމިރުސްކުނޑި ޖެހުމަށްފަހު 25 ލައްކަ ރުޕީސް ގަހަނާ ވަގަށް ނަގައިފި

ރަނުގެ ގަހަނާ ވިއްކާ ފިހާރއެއްގެ ވެރިމީހާގެ މޫނަށް ހިކިމިރުސްކުނޑި ޖެހުމަށްފަހު 25 ލައްކަ ރުޕީސް ގަހަނާ ވަގަށް ނަގައިފިއެވެ.

އިންޑިއާގެ ހައިދަރުއާބާދުގައި ހުންނަ މިފިހާރައަށް ފިހާރަ ބަންދުކުރަން އުޅެނިކޮށް އަންހެނަކާއި ފިރިހެނަކު ވަނީ ގަހަނާ ގަންނަން ބޭނުންވެގެން ކަމަށް ހެދިގެންނެވެ. ފިހާރައަށް ވަނުމަށްފަހު ގަަހަނާތައް ރައްކާކޮށްފައި ހުންނަ ތިޖޫރީ ކައިރިއަށް ގޮސް ވެރިމީހާއަށް ހަމަލާދިނީއެވެ.

ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި ވެރިމީހާ 10 ވަރަކަށް މިނިޓް އެމީހުންނާއި ކުރިމަތިލައި ހުއްޓުވިއެވެ. ނަމަވެސް އިރުކޮޅަކުން ފެންނަނީ ވެރިމީހާގެ ދެލޯއުނގުޅަމުން އެކަމުން ސަލާމަތްނުވެގެން އުޅޭތަނެވެ.
ފުލުހުން ބުނީ ފުޓޭޖުން ފެންނައިރު އަންހެން މީހާ އާއި ފިރިހެން މީހާވެސް ތިބީ މޫނު ނިވާކޮށްގެންނެވެ. ފިރިހެން މީހާގެ އަތުގައި ފިސްތޯލައެއް އޮތެވެ. ނަމަވެސް ޤަބޫލުކުރެވެނީ އެއީ ކުޅޭކުޅޭ އެއްޗެއް ކަމަށެވެ. ވެރިމީހާގެ ބޮލުގައި އަންހެން މީހާ ދަނޑިބުރިއަކުން ތަޅާތަންވެސް ފެނެއެވެ.

ފުލުހުން ބުނެފައިވަނީ މޫނު ނިވާކޮށްގެން ތިބުމުން ހޯދަން އުނދަގޫތަކެއް އެބަހުރިކަމަށާއި ނަމަވެސް އެ ދެ މީހުން ހޯދަން މަސައްކަތްކުރާ ކަމަށެވެ.
މިއަދު އޮންލައިން