ހަދަމުންދާ ރިސޯޓެއްގެ ބަދިގޭގައި ގޭސް ލީކުވެގެން ހާދިސާއެއް ހިނގައިފި

ކިޔުމަށް ހޭދަވާނީ 1މ 21ސ
ހަދަމުންދާ ރިސޯޓެއްގެ ބަދިގޭގައި ގޭސް ލީކުވެގެން ހާދިސާއެއް ހިނގައިފި
ދ. އަތޮޅު ރިނބުދޫ ކައިރީގައި އަލަށް ތަރައްގީ ކުރަމުންދާ "މާގާ" ނަމަކަށް ކިޔާ ރިސޯޓެއްގެ ބަދިގޭގައި ގޭސް ލީކު ވުމުގެ ސަބަބުން ހާދިސާއެއް ހިނގައި އެކިވަރުގެ ގެއްލުންތައް ވެއްޖެއެވެ.

އެމްއެންޑީއެފް އިން މައުލޫމާތު ދިން ގޮތުގައި މިހާދިސާގެ މައުލޫމާތު ލިބިފައިވަނީ މިއަދު ހަވީރު 17:20 ހާއިރު ފ. ނިލަންދޫ ހޮސްޕިޓަލުންނެވެ. ހާދިސާގެ މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ ނިލަންދޫގައި ގާއިމް ކޮށްފައިވާ ފަޔަރ ސްޓޭޝަންގެ ޓީމެއް ވަނީ އެރިސޯޓަށް ގޮސް އެހާދިސާ ހިނގި ސަރަހައްދު ބަލާފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ އެ ރިސޯރޓް ހުޅުވުމަށްޓަކައި ކުރަމުން ދިޔަ އިންސްޕެކްޝަނެއްގެ ތެރޭގައި، ރިސޯރޓްގެ މުވައްޒަފުންނަށް ހާއްސަކޮށްފައި ހުރި ބަދިގޭގައި ބަހައްޓާފައިވާ ރައިސް ކުކަރަކަށް ކަރަންޓު ދިނުމާއިއެކު، ބަދިގެތެރޭގައި ކައްކާ ގޭސް ލީކުވެފައި ހުރުމުން، ހުޅު ފަޅައިގެން ދިއުމުގެ ސަބަބުންނެވެ.

މި ހާދިސާގައި އެބަދިގޭގައި ހުރި ބައެއް ސާމާނަށާއި ކުޑަ ދޮރުތަކުގައި ހުރި ބިއްލޫރިތައް ވަނީ ތަޅައިގެންގޮސްފައެވެ. ނަމަވެސް ހުޅުފަޅައިގެން ދިއުމުގެ ސަބަބުން ޢިމާރާތަށް އަލިފާނުގެ އަސަރެއް ކޮށްފައެއް ނުވެއެވެ.

އަލަށް ހަދަމުންދާ މި ރިސޯރޓުގައި ހިނގި މި ހާދިސާގައި 8 ބިދޭސީއަކު ވަނީ ގޭހުން އެރި އާވީގެ ސަބަބުން އެކި ވަރަށް، އެކި މީހުން ފިހިފައެވެ.

އެމީހުން ރިސޯރޓްގެ ފަރާތުން ފ. ނިލަންދޫ ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު އިތުރު ފަރުވާއަށް، އެބިދޭސީން މާލެ ގެނައުމުގެ މަސައްކަތް ރިސޯޓުގެ ފަރާތުން ދަނީ ކުރަމުންދާ ކަމަށް މައުލޫމާތު ލިބެއެވެ.

މި ހާދިސާ މޯލްޑިވްސް ޕޮލިސް ސަރވިސްއިން ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.
މިއަދު އޮންލައިން