ނަސްރުގެ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފް އިން ބާއްވާ މިއުޒިކަލް ޑްރިލް ޑިސްޕްލޭގެ ހަރަކާތްތައް މިއަދު ހަވީރު ޖުމްހޫރީ މައިދާނުގައި ބާއްވަން ނިންމާފައިވާ ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދީފިއެވެ.
އެންމެހާ ފަރާތްތަކަށް ވެސް ބަލާލުމުގެ ފުރުސަތު ހުޅުވާލާފައިވާ މިމިއުޒިކަލް ޑްރިލް ޑިސްޕްލޭ ފެށުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 16:00 ގައެވެ.
މީގެ އިތުރުން މާދަމާ ހުޅުމާލޭ ސެންޓްރަލް ޕާކު ސަރަހައްދުގައި އަދި މިމަހުގެ 5 ވަނަ ދުވަހު ވިލިމާލެ ބަނދަރު ސަރަހައްދުގައި ވެސް އެމްއެންޑީއެފް މިޔުޒިކަލް ޑްރިލް ޑިސްޕްލޭގެ ހަރަކާތެއް ބާއްވާނެ ކަމަށް އެމްއެންޑީއެފް އިން ބުނެފައިވެއެވެ. އެ ދެ ދުވަހުގެ ހަރަކާތްތައް ފެށުމަށް ހަމަޖެހިފައިވަނީ ހަވީރު 17:00 ގައެވެ.
މިޔުޒިކަލް ޑްރިލް ޑިސްޕްލޭއަކީ އަސްކަރީ ސިފަވަންތަކަމާއި، ސަފުތަކުގެ ބަދަހިކަމާއި އެކުގައި މަސައްކަތް ކުރުމުގެ ރޫހު ދައްކުވައިދޭ ހެވިކަމެކެވެ. މިކަމުގައި ކޮމާންޑު ދިނުން ނުހިމެނޭއިރު، ގެމައިގެ ހުރިހާ ހަރަކާތެއް ވެސް ކުރިއަށް ދަނީ ވަކި ސީކުއެންސެއްގެ ގޮތުގައެވެ.