ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި އަނބިކަނބަލުން މެޑަމް ލައިލާ އަލީ މިއަދު އައްޑޫ ސިޓީއަށް ފުރާވަޑައިގެންފިއެވެ.
އެމްޑީޕީ އަށް ބޮޑު ތާއީދެއް އޮންނަ އައްޑޫސިޓީ އަށް އެމަނިކުފާނު ވަޑައިގެންނެވީ، އެޕާޓީގެ ސަޕޯޓަރުންނާއި ބައްދަލުކުރެއްވުމަށް ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އަދި ރައީސް ނަޝީދުގެ މިދަތުރުފުޅުގައި އައްޑޫގެ ހުރިހާ ރަށަކަށް ވަޑައިގަންނަވާނެ ކަމަށާއި އެގޮތުން އެމަނިކުފާނު އެންމެ ފުރަތަމަ ބައްދަލު ކުރައްވާނީ ފޭދޫގައި ތިބި ސަޕޯޓަރުންނާއި ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.
ރައީސް ނަޝީދުގެ މައްޗަށް 13 އަހަރުގެ ޖަލު ހުކުމެއް އިއްވުމުން ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގެން، އިނގިރޭސިވިލާތުގެ ހިމާޔާތް ހޯއްދަވައިގެން ތިން އަހަރު ދުވަހު ރާއްޖެއިން ބޭރުގައި ދިރިއުޅުއްވުމަށްފަހު، އެމަނިކުފާނު އަލުން ރާއްޖެ ވަޑައިގެންފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
މިއީ މިފަހަރު ރާއްޖެ ވަޑައިގަތުމަށްފަހު ރައީސް ނަޝީދު އަތޮޅުތެރެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
ރައީސް ނަޝިދު އައްޑޫއަށް ކުރައްވާ ދަތުރުފުޅުގައި އެކި ރަށްރަށުގައި އެމްޑީޕީގެ ޖަގަހަތަކާއި އޮފީސްތައް ހުޅުއްވާދެއްވާ، އެޕާޓީ ހިންގާ ކޮމިޓީގެ މެމްބަރުންނާއި ވެސް ބައްދަލު ކުރައްވާނެ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
އެމްޑީޕީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި އައްޑޫސިޓީއަށް ރައީސް ނަޝީދު ކުރައްވާ މިދަތުރުފުޅުގައި، އައްޑޫގެ ބައެއް ތަންތަނަށް ވެސް ޒިޔާރަތް ކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ޕޮލިސް އެކެޑެމީއާއި، އިކުއެޓޯރިއަލް ކޮންވެންޝަން ސެންޓާރ (އީސީސީ) ގައި ހަދަމުންދާ ޓާޝިއަރޫ ހޮސްޕިޓަލް ވެސް ބައްލަވާލައްވާނެ ކަމަށް އެނގިފައިވެއެވެ.