އައްޑޫގެ ތަރައްޤީއަށް ދުނިޔޭގެ އެހީ ލިބެންޖެހޭ ކަމަށް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީއަށް މިއަދު ވަޑައިގަތުމަށްފަހު ރައްޔިތުންނާއި މުޚާޠަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އައްޑޫ ސިޓީ އޮތް ސަރަހައްދުގެ ގޮތުން އައްޑޫ ސިޓީ އަކީ ސަރަހައްދުގެ އިތުރުން މުޅި ދުނިޔޭގެ ސަލާމަތަށް މުހިންމު ތަނެއް ކަމަށެވެ. އެހެންކަމުން އައްޑޫ ސިޓީގެ ތަރައްޤީއަކީ މުޅި ދުނިޔޭގެ ހަމަޖެހުމާއި ގުޅިފައިވާ ކަމެއް ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ އައްޑޫ ސިޓީގައި ފުރިހަމަ ބައިނަލްއަޤްވާމީ އެއާޕޯޓަކާއި ސީޕޯޓެއް ޤާއިމުކުރެވި ދުނިޔެއާއި ގުޅައިލެވެން ޖެހޭ ކަމަށެވެ. އަދި ފަތުރުވެރިކަމާއި ވިޔަފާރީގެ ދާއިރާތަކުން ކުރިއެރުންތައް ހޯދެން ޖެހޭ ކަމަށެވެ. އަދި އެކަންކަން ކުރިއަށް ގެންދެވެން ޖެހޭނީ އައްޑޫ ސިޓީގެ ރައްޔިތުންނާއި މަޝްވަރާ ކުރެވި ރައްޔިތުން ބޭނުންވާ ގޮތަށް އަދި އެކަންކަމުން ރައްޔިތުންނަށް ފައިދާކުރާނެ ގޮތަށް ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ އައްޑޫ ސިޓީގައި ކޮންވެންޝަނަލް ޓޫރިޒަމް ތަރައްޤީ ކުރެވެން ޖެހޭނެ ކަމަށާއި އެކަމަށް އެޅި ސެންޓަރުގެ ބޮޑު ބައެއް ތަޅާލައި މިހާރު ހޮސްޕިޓަލަކަށް ބަދަލުކޮށްފައިވުމުން އެމަޝްރޫއު އެގޮތަށް ކުރިއަށް ގެންދިއުން ރަނގަޅުވާނެ ކަމަށާއި ކޮންވެންޝަން ބޭއްވުމަށް އިތުރު ސެންޓަރެއް ތަރައްޤީ ކުރާނެ ކަމަށެވެ.
އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި އައްޑޫ ސީޓީގެ ތަރައްޤީއަށް ޚާއްޞަ އިސްކަމެއް ދެއްވާނެ ކަމަށާއި ތަރައްޤީގެ މަޝްރޫއުތައް ބާރަށް ކުރިއަށް ގެންދާނެ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.