ދަރަނި ފޮތުގަ އޮތަސް ދައްކަން ޖެހޭނީ ރާއްޖެއަށް އެއިން ލިބިފައިވާ މިންވަރު: ރައިސް ނަޝީދު

ކިޔުމަށް ހޭދަވާނީ 1މ 10ސ
ދަރަނި ފޮތުގަ އޮތަސް ދައްކަން ޖެހޭނީ ރާއްޖެއަށް އެއިން ލިބިފައިވާ މިންވަރު: ރައިސް ނަޝީދު

ރާއްޖެއިން ޗައިނާގެ ބޭންކްތަކަށް 3.2 ބިލިއަން ޑޮލަރު ދައްކަން ޖެހޭ ކަމަށް ހިސާބުތަކުން ދައްކާ ކަމަށް މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށާއި ނަމަވެސް ރާއްޖެއިން ދައްކާނީ އެއަދަދުގެ ތެރެއިން ރާއްޖެއަށް ލިބިފައިވާ މިންވަރު ކަމަށް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

 

މިއަދު ހަވީރު ދިއްދޫ ރައްޔިތުންނާއި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ބްރިޖުގެ ކޮންކްރީޓާއި ދަނގަނޑަށް ދިއަ މިންވަރު އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި ކޮށްފައި ހުރި އެހެން މަސައްކަތްތަކުގެ އަގުވެސް އެނގިވަޑައި ގަންނަވާ ކަމަށާއި އެއީ ބެލެން ހުރި ކަންކަން ކަމަށެވެ.

 

ރައީސް ނަޝީދު ވިދާޅުވީ އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގެ 5 އަހަރު ވެގެންދާނީ ސަރުކާރަށް ވަރަށް ބޮޑެތި ތަކުލީފްތައް އުފުލަންޖެހޭނެ 5 އަހަރަށް ކަމަށެވެ. އެހެންކަމާއިއެކު ވެސް ރައްޔިތުންނަށްވެފައިވާ ވައުދުތައް ފުއްދަވާނެ ކަމަށެވެ.

 

ރައްޔިތުންނަށް ފައިދާ ނުކުރާނެ ގޮތަށް މިހައި ބޮޑު އަދަދަކުން ޤައުމު ދަރުވައިލުމަކީ ނިކަމެތި ރައްޔިތުންނަށް ދީފައިވާ ވަރަށް ބޮޑު ގެއްލުމެއްކަން ފާހަގަކުރައްވައި ރައީސް ނަޝީދު ވިދާޅުވީ މިފަދަ ދަރަނިތައް އަދާކުރަން ޖެހޭނީ ނިކަމެތި ރައްޔިތުން ކުރާ މަސައްކަތުން ކަމަށެވެ. އެހެންކަމުން ބޮޑެތި އަދަދުތަކުގެ ލޯނުތައް ހުރި ނަމަވެސް އެއިން ރާއްޖޭގެ ރައްޔިތުންނަށް ލިބިފައިވާ މިންވަރު ކޮންމެހެންވެސް ބަލަންޖެހޭ ކަމަށެވެ.

މިއަދު އޮންލައިން