އަކުރަށް ކިޔާނެ ނަމަކާ މައްސަލައެއް ނެތެވެ. މިހާރު ޢާންމުކޮށް ތާނަ ލިޔެ އުޅެނީ ކޮމްޕިޔުޓަރުންނެވެ. ޢަރަބި އަކުރުން ނަންތައް ލިޔެ ހެދުން އެހައި ފަސޭހައެއް ނޫނެވެ.
ނަމަވެސް އަލްޣަފޫރު ލިޔަން އަލްގަފޫރު ލިޔުމަކުން ﷲ ތަޢާލާގެ ނަންފުޅަކަށް ނުވެއެވެ. ޢަބްދްﷲ (ﷲ ގެ އަޅާ) ލިޔަން އަބުދުﷲ ލިޔުމަކުން ﷲ ގެ އަޅާއަކަށް ނުވެއެވެ. ޢަރަބި ބަހުގައި އަބްދު ކިޔާ ލަފުޒެއް ނޯވެއެވެ. އެހެންކަމުން ﷲ ގެ ނަންފުޅުގެ ކުރިއަށް އެގެނެވެނީ ބުދެއްގެ ވާހަކަ ކަމަށް ބުނެވިދާނެއެވެ. ކޮން ބުދެއްތޯ ސުވާލުކޮށްފިނަމަ ޖަވާބަކީ އަބުދެވެ. ޢަރަބި އަކުރުގައި ޢައިނާއި އަލިފަކީ ދެއަކުރެވެ. އަކުރު ބަދަލުކުރުމުން މާނަތަފާތުވާނެއެވެ. މިފަދަ ކަންކަން ބައިވަރެވެ.
ޢަރަބި އަކުރުގެ މަޚްރަޖު ދޭހަވާ ގޮތަށް ތާނައަކުރުން ލިޔުމުގެ ފުރުޞަތު އޮތުމަކީ ތާނަ ލިޔުމަށް ލިބިފައިވާ ވަރަށް ބޮޑު މުއްސަނދިކަމެކެވެ.
ފުންނާބު ވަރަށް އުސް ބައެއް ބޭފުޅުން ވިދާޅުވަނީ އަޑު އަންނަ ގޮތަށް ލިޔުނީމާ ރަނގަޅުވާނެކަމަށެވެ. ފުންނާބު ތިރި މީހުންނަށް އެކަން ޤަބޫލެއް ނުކުރެވެއެވެ. އެއީ ވާހަކަ ދައްކާއިރު 90 އިންސައްތަ ފަހަރު އަޑު އިވެނީ ގަފޫރެވެ. ދެން ގަފޫރު ލިޔެ ﷲ ތަޢާލާގެ ނަންފުޅު ބަދަލުކުރެވޭނެ ކަމަށް ޤަބޫލު ނުކުރެވޭތީއެވެ.
ތާނައަކުރުގައި ތިކިޖަހައިގެން ލިޔަން މަސައްކަތްކުރަންޖެހެނީ މިފަދަ ސަބަބުތަކަށްޓަކައެވެ.
ދެން އޮތީ ޢަރަބި އަކުރުމް ލަފުޒު ލިޔުމެވެ. ގްރޭޑް 12 ނިންމާފައި ތިބި ގިނަ ކުދިންގެ އަތަށް ޤުރްއާން ތަރުޖަމާ ދެއްވާފައި ބަލައިގެން މާނަ ކިޔަން ވިދާޅުވެބައްލަވާށެވެ! ވާގޮތް އެނގިވަޑައިގަންނަވާނެއެވެ. ތަޖުރިބާއިން އެނގުނީ ޢަރަބިން ލިޔެފައިވާ ލަފުޒުތައް ކިޔަން ނޭނގޭކަމެވެ. އަބަދު އޮންނަނީ " މީކީކޭ"ތޯ އަހަން ޖެހިފައެވެ.
މިފަދަ ކަންކަމުން އެނގިގެންދަނީ ތަޢްލީމީ މުޅި މަންހަޖުގައި ބޮޑެތި މައްސަލަތަކެއް އެބަހުރިކަމެވެ. ސަމާލުކަންދޭންޖެހިފައިވާ ކަންތައްތަކެއް އެބަހުރިކަމެވެ.