ރާއްޖޭގައި ކޮވިޑުގެ ނުރައްކައުތެރިކަން މިހައި ބޮޑުވެފައިވާއިރު ޤައުމުގެ މިހާރުގެ ޙާލަތަށް ސިޔާސީ ނުފޫޒު ފޯރުވާތީ ކަންބޮޑުވާކަމަށް ބައެއް ޑޮކްޓަރުން ވިދާޅުވާން ފަށްޓަވައިފިއެވެ.
މިއަދުނޫހާއި މައުލޫމާތު ހިއްޞާކުރެއްވި ބައެއް ޑޮކްޓަރުން ވިދާޅުވީ ސިޔާސީ ބޭނުންތަކަށް ކަންކަންކުރަމުން ގެންދަނީ ޑޮކްޓަރުން ރުހިގެން ނޫންކަމަށާއި ޑޮކްޓަރުން ދޭ ލަފައަށް ނޫން ކަމަށާއި އަދި ޑޮކްޓަރުންނަށް އެކަމުގެ ސަބަބުން ނުރައްކާވެދާނެ ކަމުގެ ބިރުވެސް އެބައޮތް ކަމަށެވެ.
"މިސާލަކަށް އިއްޔެ ޢީދުނަމާދުނުކުރެވިގެން ގިނަބައަކު ތިބީ ކަންބޮޑުވެފަ. ޑޮކްޓަރުންނަށް އެއްޗެތިގޮވަގޮވަ ތިބީ! ކޮރޯނާގެ ޙާލަތަށް ބަލައި އެމީހުން ކެތްތެރިވެގެން ތިއްބައި ދެން މިފެންނަނީ ޢީދުނަމާދަށް މިސްކިތަށް އަރާނެ މީހުންނަށްވުރެ މާގިނަބައަކު އެއްވެ ފިތިބާރުވެގެން އެތައް އިރަކު ތިއްބާ! 10 ޢީދުނަމާދުކުރާހާ ވަގުތަށްވުރެ ގިނައިރު އެގޮތަށް ތިބިކަމަށް ބުނަނީ! ބައެއް މީހުން ގުޅާފަ އެއްޗެތިވެސް ގޮވި! ތިއައީ ކޮންކަހަލަ ލަފާދޭ ޑޮކްޓަރުންތޯވެސް ސުވާލުކުރި. ކޮރޯނާ ފެތުރެނީ މިސްކިތަށް ޖަމާވީމަތޯވެސް ސުވާލުކުރި."

"އަހަރެމެންނަކީ ޑޮކްޓަރުން. އަހަރެމެންނަކަށް ޕޯޑިއަމްތަކަށާ ޓީވީތަކަށް އަރާ ވާހަކައެއް ނުދެއްކޭނެ. ދައްކަން ޖެހުނީމަ ނުދައްކާނަމެކޭވެސް ނުބުނަން. މިހާރުވެސް މިއުޅެނީ ފިކުރުތައް ގިނަވެ ފުރާނައަށް ނުރައްކާވާތީ. މިހެން މިކަންކަން ކުރީމާ ޑޮކްޓަރުން ދެކެ ރުޅި އަންނާނެ ބައަކު ތިބޭނެކަން ޤަބޫލުނުކުރެވޭނެނަމަ މިއީ ވަރަށް ދެރަކަމެއް. ޙަޤީޤަތުގަވެސް ޑޮކްޓަރުން މިހާރުމިވަނީ ވަރަށް ބޮޑު ބިރުވެރިކަމެއްގެ ތެރޭގަ!" ކަމަށް މިއަދުނޫހަށް މައުލޫމާތު ދެއްވި ބައެއް ޑޮކްޓަރުން ވިދާޅުވެފައިވެއެވެ.