ކޮވިޑާއި ގުޅިގެން އެމްއެމްއޭ އާއި ބޭންކުތަކުން މަސައްކަތްކުރާ ގަޑި މަދުކުރުމުން ބޭންކްތަކަށް ޖަމާކުރާ ޗެކްތަކަށް ފައިސާ ޖަމާނުވާތީ ބައުންސުވެ ބޮޑެތި ގެއްލުންތައް ލިބެން ފަށައިފިއެވެ.
މިގޮތުން މިމަހުގެ 12 ވަނަ ދުވަހު ބޭންކަށް ޖަމާކުރި ޗެކް މިއަދަށްވެސް ރިއަލައިޒްނުވެ ހުރުމުން ގިނަ އަދަދެއްގެ ޗެކްތައް ބައުންސުވެ ވަރަށް ގިނަ މައްސަލަތައް ފެންމަތިވެފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.
ވިޔަފާރިވެރިން އެދެނީ "ބޭންކުތަކުގެ ކައުންޓަރުތަކުން" ޚިދުމަތްދޭ ވަގުތު މަދުކުރިނަމަވެސް އެމްއެމްއޭ ކްލިއަރެންސް ހަދައި އެމީހުންގެ ވިޔަފާރު ނުހުއްޓޭނެ ގޮތެއް އިންތިޒާމުކުރުމެވެ.
"އަޅުގަނޑުމެންނަށް މައްސަލައެއް ނެތް ކައުންޓަރުން ޚިދުމަތްދޭ ވަގުތު މަދުކުރިނަމަވެސް މިހާލަތުގަ. ނަމަވެސް ޖަމާކުރާ ޗެކްގަނޑަށް އެމްއެމްއޭ އިން ކްލިއަރެންސް ނުހޯދި ހަފްތާވެގެން އެޗެކާ އަޅުވައި އަޅުގަނޑުމެން ދޫކުރާ ޗެކް ބައުންސްވީމާ މީދެން ތަންކޮޅެއް ބޮޑުވަރު ދޮގެއްތޯ؟ މިކަން އެބަ ޖެހޭ އިޞްލާޙްވާން. މިއީ ބޭންކްތަކުގެ މުވައްޒިފުން އެމްއެމްއޭއަށް ނުގޮސް ބޭންކުތަކުގަ ތިބެގެން އެމްއެމްއޭ އާ މުޢާމަލާތުކޮށްގެން ވެސް ކުރެވޭނެ ކަމެއް! އެހައި ފަސޭހައިން ކުރެވެން އޮތް ކަމެއް މިހައި ދަތިކުރަނީ ކީއްވެގެން ކަމެއް ނޭނގެ!" ބައެއް ވިޔަފާރިވެރިން ބުނެފައިވެއެވެ.