ދެމަފިރިންގެ މެދުގައި ޖެހޭ މައްސަލަތަކާއި ގުޅިގެން އަހަރެމެން ދެމަފިރިންގެ ގާތަށް ކައުންސިލިންގ ހޯދަން އަންނަ މީހުންގެ ތެރޭގައި އެންމެ ގިނައީ ބޭވަފާތެރިވުމުގެ މައްސަލަތަކެވެ. 2 ވަނައަށް އެންމެ ގިނައީ އެއްދާންކުރުމުގައި ދެމީހުންގެ ތަފާތުކަން ބޮޑުވުމުގެ މައްސަލައެވެ.
3 ވަނައީ ބައިވެރިޔާ ނުވަތަ ދެ މީހުންވެސް ނުބައި ޢާދަތަކަށް ދެވިހިފުމުގެ މައްސަލައެވެ. ފޯނާކުޅުން، ބަރަހަނާ މަންޒަރާ ފިލްމްބެލުން، އާދައިގެ ފިލްމެބެލުން، ސޯޝަލް މީޑިއާއަށް އެޑިކްޓްވުން، އަމިއްލައަށް ޖިންސީ އެދުން ފުއްދުން ފަދަ ނުބައި އާދަތެކެވެ.
މީގެ ތެރެއިން މިއަދު މިބަލައިލަނީ 2 ވަނަ މައްސަލައަށެވެ. މިކަމަކީ ގިނަ ބައަކު ވާހަކަ ދައްކަން ބޭނުންނުވާ މައްސަލައެކެވެ. ނަމަވެސް މިއީ ކޮންމެހެން ވާހަކަދައްކަންޖެހޭ މައްސަލައެކެވެ. މިމައްސަލައަކީ ޙައްލުނުވާނަމަ ސިއްރުކުރެވޭ ކަމެއް ވެސް ނޫނެވެ. ޝަކުވާތައް ގިނަވުމުން އޮންނަނީ ނުދައްކަން ހުރިނަމަވެސް ކޮންމެވެސް މީހެއްގެ ގާތުގައި ދެއްކިފައެވެ. އަދި ހުއްދަ ނޫން ގޮތްގޮތަށް ކަންކަންވެސް އޮންނަނީ ކުރެވިފައެވެ. މިބުނަނީ ހުއްދަނޫން ގުޅުންތައް ބޭއްވޭ ވާހަކައެވެ.
މިކަމުގައި ފިރިހެނުންނަށް ބަލާއިރު ވަރަށް ގިނަ މައްސަލަތައް ހުރެއެވެ. އެ މައްސަލަތައް ދެބައަކަށް ބަހައިލެވިދާނެއެވެ.
ފުރަތަމަ މައްސަލައަކީ ބަލިކަށިވުމެވެ. ދެވަނަ ކަމަކީ އަމިއްލަ ބޭނުންފުދުން ބައިވެރިޔާއާއިމެދު ފަރުވާލެއް ނުބަހައްޓައި ނިންމައިލުމެވެ. ގޮސް ދުރުގައި ނިދަން އޮތުމެވެ. ވާހަކަ ނުދެއްކުމެވެ. އަޅައިނުލުމެވެ.
ޤަބޫލުކުރާށެވެ! މިއީ ވަރަށް ނުބައި އާދަދަތެކެކެވެ. ގިނަވާނީ މިއާދަތަކަށް ކެތްތެރިނުވެވޭނެ އަނބިންނެވެ. ދާދިފަހުން ކައިވެނީގައި 14 އަހަރުވީއިރުވެސް މިކަންކަން ރަނގަލުނުކޮށްގެން އަނހެނަކު ރޮމުން އައެވެ. އަހަރެންގެ ފިރިމީހާ މިހާރުގެންދަނީ އޭނާގެ ފިރިމީހާއަށް ގުޅައިގެން ޙައްލު ހޯދަން މަސައްކަތްކުރަމުންނެވެ.
މިފަދަ ކަންކަމުގައި ތަޖުރިބާކާރު ޕޮރޮފެޝަނަލުންނާއި (އެމީހެއްގެ ޖިންސުގެ) ވާހަކަ ދައްކަން ލަދުނުގަންނާށެވެ! ފަސްނުޖެހޭށެވެ. ބޭސް އެބަހުއްޓެވެ. ފަރުވާވެސް އެބަހުއްޓެވެ. ރަނގަޅުކުރެވޭނެ ގޮތްތައްވެސް އެބަހުއްޓެވެ.
އަންހެނުންނަށްވެސް ހަމަ މިމައްސަލަތައް ކުރިމަތިވެއެވެ. ޙައްލު ހޯދަން މަސައްކަތްކުރާށެވެ! ނޫންނަމަ ބައިވެރިޔާއަށް ނުބައި މަގު ޚިޔާރުކުރެވުން ގާތެވެ. އެއީ އިސްލާމްދީނުގައި ހުއްދަ ގޮތް ނޫންނަމަވެސް އެކަން އެގޮތަށް މެދުވެރިވެއެވެ. ﷲ ތަޢާލާއަށް ބިރުވެތިވެ ކެތްތެރިވެވެނީ މަދު މީހަކަށެވެ. އަހަރެންގެ އާދޭހަކީ ނުބައިމަގަކުން އެއްވެސް ކަމެއް ނުކުރުމެވެ. ފާފައަކަށް އަރައިނުގަތުމެވެ. ﷲ ތަޢާލާއަށް ފުރިހަމަ ގޮތުގައި ބިރުވެތިވުމެވެ.
އެއްދާންކުރުމުގައި ގުޅިގެން ގުޅުން ބަހައްޓާ ދެމަފިރިންގެ މެދުގައި ގުޅުން ބަދަހިވެއެވެ. ލޯބި ދެމިގެންދެއެވެ. ދިރިއުޅުމުގެ ކަންކަމުގައި އަޅައިލުން އިތުރުވެއެވެ. އެކަކު އަނެކަކަށް އެހީތެރިކަން ފޯރުކޮށްދިނުންވެސް އިތުރުވެއެވެ.
މިވާހަކަތައް ދަކަން މިޖެހެނީ ވަރަށް މުހިންމު ސަބަބުތަކެއް ހުރުމުންނެވެ. ފުރަތަމަ ކަމަކީ ދެމަފިރިންގެ ގުޅުން ރަނގަޅު ގޮތުގައި ދެމިއޮވެގެން މެނުވީ ހަރުދަނާ ގޮތުގައި ދަރިން ތަރުބިއްޔަތު ނުކުރެވޭނެ ކަމެވެ. ދެވަނަ ކަމަކީ ފާފަކުރުމުން ސަލާމަތްވެ ނުތިބެވޭނެ ކަމެވެ. ފާފަ ކުރެވުމަކީ އާޚިރަތް ގެއްލިގެން ހިނގައިދާނެ ކަމެއް ކަމެވެ. ވީމާ ﷲ ތައާލާގެ ދީނުގައި ސާބިތުވެ ތިބުމަށްވެސް ދެމަފިރިންގެ މެދުގައި ހަރުދަނާ ގުޅުމެއް އޮންނަން ޖެހެއެވެ.
- މަރްޔަމް ލީމޫ