މުސްކުޅި ބައްޔާއި އެނޫންވެސް ބަލިތަކުގައި ތިބި ގިނަ މީހުން ބަލަން ވަރަށް ގިނަ ގޭގޭގައި ގެންގުޅެނީ ބިދޭސީންނެވެ. އެމީހުން ކުރާ ކަންކަން ބެލެހެއްޓެނީ ކިހައިވަރަކަށް ހެއްޔެވެ؟ މިއީ ވަރަށް ކުރިންސުރެ ކުރެވެމުން އަންނަ ބޮޑު ސުވާލެކެވެ.
ހުޅުމާލެ ކޮވިޑް ފެސިލިޓީގައި ބަލިޙާލުގައި އޮތް މުސްކުޅިއަކަށް، އޭނާ ބަލަހައްޓަން ޢާއިލާއިން ހަމަޖައްސާފައި ހުރި 31 އަހަރުގެ ބަންގްލަދޭޝް މީހަކު މިއަދު އަނިޔާކުރި މައްސަލަ ފެންމަތިވީ އެތަނުގައި އެމަންޒަރު ބަލަން އިތުރު ބައަކު ތިބުމުންނެވެ.
އެމީހާއަކީ ހިތުގައި އެއްވެސް ރަޙުމެއް ކުލުނެއް ހުރި މީހަކުނަމަ ބަލިޙާލުގައި އޮތް އެފަދަ މުސްކުޅިއަކާއިމެދު އެފަދަ އަނިޔާވެރި ގޮތަކަށް ޢަމަލެއް ނުކުރާނެއެވެ. އަދި ގާތީ މިއީ އޭނާ އެގޮތަށް އަނިޔާވެރިވި ފުރަތަމަ ފަހަރުކަމަށްވެސް ނުވުމާއިއެވެ. މައްސަލައިގެ ފުރިހަމަ ތަޙްޤީޤެއް ކުރެވިއްޖެނަމަ އެނގިގެންދާނެ ކަންތައްތައް ގިނަވާނެ ކަމަށް ބެލެވެއެވެ.
މައިންބަފައިން މުސްކުޅިވާދުވަހު އެމީހުންނަށް ޚިދުމަތްކުރުމަކީ ސުވަރުގެ ވަދެވެން އޮތް މަގެއްކަން ޢިލްމްވެރިންގެ ބަސްފުޅުތަކުން އެނގިގެންދެއެވެ. އަމިއްލައަށް ޚިދުމަތް ނުކުރެވޭނަމަ އެހީތެރިއަކު ބޭނުންކޮށްގެން ޚިދުމަތްކުރިނަމަވެސް އެމީހުން ކުރާ ކަންކަން ބަލަހައްޓަންޖެހޭނެއެވެ. މައިންބަފައިންނާއި ގިނަގިނައިން ވާހަކަދައްކައި ކަންކަން އޮޅުންފިލުވަންޖެހޭނެއެވެ. ޚިދުމަތްކުރަން ހަވާލުކޮށްފައި ހުންނަ މީހާ ކަންކަން ކުރާ ގޮތާއިމެދު ސުވާލުކުރަން ޖެހޭނެއެވެ.
އަތުން ޚަރަދުކުރެވި އެކަމުގެ ފައިދާ ޤިޔާމަތްދުވަހު ނުލިބޭ މީހަކަށްވުމަކީ ހިތާމަހުރިކަމެކެވެ. ވީމާ ހިނގައިދިއަ ހާދިސާއަކީ މިކަންކަމަށް ވިސްނައި ޢިބްރަތް ޙާޞިލުކުރަން ލިބުނު ފުރުޞަތަކަށް ހަދަމާތޯއެވެ!