ކައިވެނިކުރުމުގެ ކުރިން ބަލަންޖެހޭ ކަންތައްތަކެއް ހުރެއެވެ. އިސްލާމް ދީނުގައި އޮތީ ރިވެތި އަޚްލާޤާއި ތަޤްވާވެރިކަމަށް ބަލައިގެން ކައިވެނިކުރުމަށެވެ. ވީމާ މިބަޔާންކުރަނީ އަޅުކަންކުރުމުގެ އިތުރުން އަޚްލާޤީ ގޮތުން ބަލަންޖެހޭނެ ކަންކަމެވެ.
މި ބަޔާންކުރާ 15 ސިފައަށް ވަރަށް ރަނގަޅަށް ފަރުވާތެރިވާށެވެ! މިސިފަތައް އެމީހެއްގެ ކިބައިގައި ހުރިނަމަ އެމީހަކާއި ވައިވެސް ނޭޅޭށެވެ. އެފަދަ މީހަކާއި ކައިވެނިކުރުން ވާނީ އަމިއްލައަށް ކަރުގައި އެޅުވޭ މަޅިއަކަށެވެ.
1- ކަންކަމުގެ ޙަޤީޤަތް އެނގޭއިރުވެސް ޤަބޫލުކުރަން ބޭނުން ނުވާ މީހުން/ ގޮތް ދޫނުކުރާ މީހުން
2- އިންސާނުންނަށް ގެއްލުން ނުދޭ ޖަނަވާރުންނަށް އަނިޔާކުރާ މީހުން
(އިންސާނުންނަށް ގެއްލުން ނުދޭ ޖަނަވާރުންނަށް އަނިޔާކުރާ/ އޯގާތެރިނުވާ ގިނަ މީހުން އިންސާނުންނަށްވެސް ރަޙްމެއް ނުކުރެއެވެ.)
3- އެއްވެސް މީހަކަށް މަކަރު ހަދާ މީހުން
4- ވައުދު ނުފުއްދާ މީހުން
5- ދޮގުހަދާ މީހުން
6- ކުރެވޭ ކުށަށް މާފުކޮށް އެކަން ހަނދާން ނައްތައި ނުލެވޭ މީހުން
7- އޭނާގެ އަމިއްލަ ޢާއިލާއަށް އެހީތެރިނުވާ މީހުން
8- އަމިއްލަ މައިންބަފައިންނަށް އަޅައިނުލާ/ އެހީތެރިނުވާ މީހުން
9- ރުޅި އައުމުން ހުތުރުބަސްބުނާ/ އަތް އިސްކުރާ މީހުން
10- ޚިޔާލު ފައުޅުކުރަން ފުރުޞަތުނުދޭ މީހުން
11- ދޭ ރަނގަޅު ޚިޔާލު ބަލައިނުގަންނަ މީހުން
12- ޙަޤީޤީ ފައިދާ ނުކުރާ ކަންކަމުގަ ވަޤުތު ހޭދަކުރާ މީހުން
13- ކަންނެތް މީހުން
14- ނެތްފެންވަރު ދައްކައިގެން އުޅޭ މީހުން
15- އަނެކާގެ އަގު ވަޒަން ނުކުރާ މީހުން
މި ސިފަތައް އެމީހެއްގެ ގައިގައި ހުންނަ މީހަކާއިއެކު ދިރިއުޅެން މަސައްކަތްކުރާނަމަ ގާތީ އަބަދުވެސް ކަންބޮޑުވުމުގައި ހުންނަން ޖެހުމެވެ. މީގެ ތެރެއިން އެއްވެސް ސިފައެއް ހުރިމީހަކު ދެކެ ލޯބިވެވިއްޖެނަމަ އެކަން އިޞްލާޙްކުރަން ބުނާށެވެ. އިޞްލާޙްކުރިކަން ޔަޤީންނުކޮށް ކައިވެނި ނުކުރާށެވެ.