އަކްބަރަކީ ތަނަވަސް މީހެކެވެ. އާދައިގެމަތިން ހެނދުނު ޖޮގިޮންއަށް ގޮސް އުޅެނިކޮށް ފައަށް ތަދެއް އެރީއެވެ. ކުރިއަކަށް ނުދެވުނެވެ. ޖެހުނީ އެއްފަރާތެއްގައި އިށީނދެ އިންނާށެވެ. އަކްބަރު ޢާންމުކޮށް ޖޮގިންއަށްދަނީ ފޯނު ގޭގައި ބާއްވާފައެވެ. އެއީ ޖޮގިން ނިންމާފައި ފަތާލަން މޫދަށްވެސް އެރިފައި ގެއަށްދާތީއެވެ. ވީމާ އެޙާލަތު ދިމާވުމުން ގެއަށް އަންގައިލެވޭނެ ގޮތެއް ނުވިއެވެ.
މަގުގެ އެއްފަރާތުގައި އިނދެގެން އޭނާ ދިއައީ ހިނގާފައިދާ މީސް މީހުންނަށް އިޝާރާތްކުރަމުންނެވެ. މަޑުކޮށްލާފައި އެހީތެރިވެދޭތޯއެވެ. ނަމަވެސް އެއްވެސް މީހަކު މަޑެއް ނުކުރެއެވެ. ކަސްރަތަށް ހުއްޓުން އަރުވަން ބޭނުން ނުވާތީއެވެ.
އަކްބަރު އެގޮތަށް އިންނަތަން ފެނިގެން އޭނާގެ ގާތަށް އައިސް ހުއްޓުނީ 18 ވަރަކަށް އަހަރުގެ ކުޑަކުއްޖެކެވެ. އެއްވެސް އެހީތެރިކަމެއް ބޭނުންތޯ ކުއްޖާ ސުވާލުކުރިއެވެ. ފައަށް ތަދުވި ވާހަކަ އަކްބަރު ކިޔައިދިނުމުން އެމްބިޔުލާންސަށް ގުޅައިގެން ގެނެސްދެންތޯ ވެސް ސުވާލުކުރިއެވެ. ނަމަވެސް އަކްބަރު ބުނީ ބޭނުންވަނީ ގެއަށް އަންގާލަން ކަމަށެވެ. އެކުއްޖާ އަވަސް އަވަހަށް އޭނާގެ ފޯނު ޖީބުން ނަގައި ދިއްކޮށްލާފައި ގެއަށް ގުޅަން ބުންޏެވެ.
ގުޅައިލިތަނާ އަގުބޮޑު ކާރެއްގައި އަކްބަރުގެ ދަރިފުޅު އައުމުން ކާރަށް އަކްބަރު އަރުވަންވެސް އެކުއްޖާ އެހީތެރިވެދިނެވެ. ކާރަށް އަރާފައި އަކްބަރު އޭނާގެ ވޮލެޓުން ވިޒިޓިންގ ކާޑެއް ނަގައި ކުއްޖާއަށް ދީފައި ފަސޭހަ ވަގުތަކު ބައްދަލުކޮށްލަން އެދުނެވެ.
އެއިގެ 2،3 ދުވަސްވަހުން އެކުއްޖާ އަކަބަރު ދިން ކާޑުގައިވާ އެޑްރެހަށް ގޮސް އަކްބަރާއި ބައްދަލުކުރުމުން އަކްބަރު ފުރަތަމަވެސް ސުވާލުކުރީ ކުއްޖާގެ ޢާއިލާ އާއިމެދުގައެވެ. ބައްޕަ އާއި މަންމަ ކޮބައިތޯ އާއި ކުރަނީ ކޮން މަސައްކަތެއްތޯއެވެ. "ބޭފުޅާއެވެ. އަޅުގަނޑުގެ އުމުރުން 6 އަަހަރުގައި މަންމަ ދޫކޮށްލާފައި ބައްޕަ ދިއަ ފަހަކުން ބައްޕައެއް ނުދެކެމެވެ. މަންމައަކީ ވަރަށް ބަލި މީހެކެވެ. މަންމަގެ ހުރީ އަޅުގަނޑު އެކަންޏެވެ. ފިހާރަތައް ކައިރީގައި އެއްޗެތި ގަނެގެން ނުކުންނަ މީހުންގެ ކޮތަޅުތައް ކާރާއިހަމައަށް އުފުލައިދެނީއެވެ. މަންމަ ޢާއި އަޅުގަނޑުގެ ޚަރަދުތައް ބަލަހައްޓަނީ އަޅުގަނޑުގެ މަސައްކަތުންނެވެ."
އަކްބަރަށް ބުނާނެ އެއްޗެއްވެސް ނުއެނގިފައި ކުއްޖާގެ މޫނަށް ބަލަހައްޓައިގެން އިނދެވުނީއެވެ. 5 ކުންފުނީގެ ވެރިޔާ އަކްބަރު ވަގުތުން ގޮނޑިން ތެދުވިއެވެ. އަދި ކުއްޖާއަށް ބުނީ އޭނާ ގޮވައިގެން މަންމަ ގާތަށް ދިއުމަށެވެ.
އެގެއަށް ގޮސް ބެލިއިރު ކަންކަން ހުރީ ހަމަ ކުއްޖާ ކިޔައިދިން ގޮތަށެވެ. އަކްބަރު ބުންޏެވެ. "މިއަދުން ފެށިގެން ކޮއްކޮ ތިއަހުރީ އަހަރެންގެ ވަޒީފާގައެވެ. ވަޒީފާއަށް އޮފީހަށް ނުކުންނަން ފަށާނީ މަންމަ ގަދަވުމުންނެވެ. އަވަހަށް މަންމަ ގޮވައިގެން ހޮސްޕިޓަލަށް ހިނގާށެވެ. ކޮއްކޮގެ ފުރަތަމަ މަސައްކަތަކީ މަންމައަށް ޚިދުމަތްކުރުމެވެ."
އަކްބަރު އެއަންހެން މީހާ ގެންގޮސް އެންމެ ފެންވަރު ރަނގަޅު ހޮސްޕިޓަލެއްގައި އެޑްމިޓްކުރިއެވެ. ހުރިހާ ޚަރަދުތަކެއް ކޮށްދިނެވެ. ބަލި ފަސޭހަވެ ގަދަވުމުން ކުއްޖާ ވަޒީފާއަށް އޮފީހަށް ނެރެން ފެށިއެވެ. ކިޔަވައިދީ ރަނގަޅު މަޤާމެއް އަދާކުރެވޭވަރުކުރުމަށްފަހު އޭނާގެ އެއް ކުންފުނި ހިންގަން ޙަވާލުކުރިއެވެ.
މިވާހަކައިން ޙާޞީލްކުރަންވީ ޢިބްރަތަކީ ހާލުގަ ޖެހިފައި ހުރި މީހަކު ފެނިއްޖެނަމަ އެހީތެރިވުމެވެ. ދުނިޔޭގައިވެސް އެކަމުގެ ފައިދާކުރެއެވެ. ހަމަ ޔަޤީނުންވެސް އާޚިރަތް ދުވަހު އެކަމުގެ ފައިދާކުރާނެއެވެ.
- ޒުނޭރާ / މިއަދުނޫހުގެ ކިޔުންތެރިއެއް