އަނބިމީހާއަށާ ބަލިދަރިފުޅަށް ކާންވެސް ނުދިނުމުން ހައިހޫނުކަމުގަ ކެތްތެރިވި އަންތބަކަށް ތަނަވަސް އުފާވެރި ދިރިއުޅުމެއް ލިބުނު ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 19ސ
އަނބިމީހާއަށާ ބަލިދަރިފުޅަށް ކާންވެސް ނުދިނުމުން ހައިހޫނުކަމުގަ ކެތްތެރިވި އަންތބަކަށް ތަނަވަސް އުފާވެރި ދިރިއުޅުމެއް ލިބުނު ގޮތުގެ ވާހަކަ-

އަހަރެމެން ކައިވެނިކުރީންސުރެވެސް ދިރިއުޅެމުން އައީ ވަރަށް ދަތި ހާލުގައެވެ. ފިރިމީހާއަށް މުސާރައިގެ ގޮތުގައި ލިބެނީ ވަރަށް މަދު ފައިސާކޮޅެކެވެ. ނަމަވެސް އެކަމަށް އެއްވެސް ޝަކުވާއެއް ނުކުރަމެވެ. ތަނަވަސްކަން ދެއްވަވާނީ އެކި މީހުންނަށް އެކިވަރަށް ކަމަށް ޤަބޫލުކުރަމެވެ. 

ކައިވެންޏަށް 3 ވަނަ އަހަރު ދަރިއަކު ލިބުނެވެ. ލިބުނި ބަލިކުއްޖެކެވެ. އެހެންކަމުން އިތުރަށް އަތްމަތިދަތިވާންފެށިއެވެ. ކާނެ އެއްވެސް އެއްޗެއް ގޭގައި ނުހުންނަ ދުވަސްވެސް އަންނަން ފަށައިފިއެވެ. ފިރިމީހާ އާއި އެއްވެސް ޝަކުވާއެއް ނުކުރަމެވެ. އަވަސްޓެރިން ދިއްކޮށްލާ ކާއެތިކޮޅުން ފުއްދާލައިގެން އިންނަނީއެވެ. 

އެއްދުވަހަކު ފިރިމީހާގެ އެއްޗެތި ދޮންނަން އުޅުމުގެ ތެރޭގައި ގަމީހުން ދުވި ވަހަކާއި ގުޅިގެން ޝައްކުތަކެއް އުފެދުނެވެ. އެއީ އިހިވަސް ދުވުމުންނެވެ. އިއްސަކީ ފަޤީރުންނަށް ކެވޭވަރުގެ އެއްޗަކަށް ނުވާނެތީއެވެ. 

އެކަމަކަށް ވެސް ހިތްބުރަކަމެއް ނުބާއްވަމެވެ. ނުބައި ޝައްކެއްވެސް ނުކުރަމެވެ. އެއީ ފަހަރެއްގައި އެހެން ބައަކު ކާއެއްޗަކުން ވަހެއް ފޯރާފާނެތީއެވެ. ނަމަވެސް ރޭގަނޑު ކޮންމެ ރެއަކު ފިރިމީހާ ގެއަށް އައުން ލަސްވުމާއި ދުވިވަހާއި ކޮންމެވެސްވަރަކަށް ގުޅުވައިލެވުނެވެ. 

އެހެންވެ އެއްރޭ ފިރިމީހާއަށް ފާރަލަމުން ދަނިކޮށް ފެނުނީ އަގުބޮޑު ރެސްޓޯރަންޓެއްގައި މުސްކުޅި އަންހެނަކާއިއެކު ކާން އިންދައެވެ. އެތަން ފެނުމުން ކެތެއް ނުކުރެވުނެވެ. ބާރަށް ހިނގާފައި ގޮސް ގާތުގައި ހުއްޓުނީމެވެ. އަދި ސުވާލުކުރީމެވެ. "ބަލި ދަރިފުޅަށް ދޭނެ ކިރުކޮޅެއް، ގޭގައި ކާނެ އެއްޗެއް ނެތިސް މިތަނަށް އައިސް ކާން އިންނައިރު ހިތަށް ހަމަ އެއްވެސް އެއްޗެއް ނާރަނީހެއްޔެވެ؟" 

ޖަވާބުދިނީ އަންހެން މީހާއެވެ. "މީނާގެ ދަރިއަކުވެސް ހުރޭ ހެއްޔެވެ؟ ތިއައީ އަނބިމީހާ ހެއްޔެވެ؟ އަހަރެންގާތުބުނީ ކޮލެޖުގައި ކިޔަވަނީ ކަމަށެވެ. އަޅެ އަހަރެންދޭ ފައިސާއިން އަނބިމީހާއަށާއި ދަރިފުޅަށް ކާންވެސް ނުދެވެނީ ކީއްވެގެން ހެއްޔެވެ؟"

އެހިސާބުން ފިރިމީހާ ތެދުވެގެން ހިނގައްޖެއެވެ. އަނގައިންވެސް ނުބުނެއެވެ. އަންހެން މީހާ އަހަރެމެންގެ ދިރިއުޅުމުގެ ޙާލަތު އޮޅުންފިލުވިއެވެ. ވަގުތުން ފައިސާގެ އެހީތެރިކަންވެސް ފޯރުކޮށްދިނެވެ. އޭނާގެ ކުންފުނިން ރަނގަޅު މުސާރައެއް ލިބޭ ވަޒީފާއެއްވެސް ދިނެވެ. ވަޒީފާގައި ލިބޭ މުސާރައިގެ އިތުރުންވެސް އެހީތެރިވެއެވެ. ދެއަންހެނުންގެ މެދުގައި އެއްބަނޑު އެއްބަފާކަން އުފެއްދިއެވެ. ދަރިފުޅުގެ ބައްޔަށް ބޭސްފަރުވާވެސް ކޮށްދިނެވެ. 

ތަނަވަސްކަމުގައި ދިއުޅެން ފެށިތަނާ ފިރިމީހާ އައިސް މާފަށް އެދުނެވެ. ބުނީމެވެ. "މާފުކޮށްފީމެވެ. ނަމަވެސް ފިރިއެއްގެ ގޮތުގައި ދެން ބޭނުމެއް ނޫނެވެ. އަހަރެން ކަލޭގެ ކިބައަކުން ތަނަވަސްކަމަކަށް ދުވަހަކުވެސް ނޭދެމެވެ. ނަމަވެސް ކަލެއަށް ލިބުނު ވަރުން އަހަރެމެން ދެމައިންނަށް ކާންބޯންނުދީ ގޮސް ރެސްޓޯރަންޓުތަކުން ކައިގެން އުޅުނު އުޅުމަށް މާފެއް ނުކުރަމެވެ. އަދި އެދައްތަ ދިންހައި ފައިސާ އާއި މުސާރަ އިސްރާފްކުރިކުރުންވެސް ބަލައެއް ނުގަންނަމެވެ. 

އެދައްތަ ވީ އަޅުގަނޑަށް މައެއް ފަދަ އަންހެނަކަށެވެ. ކައިވެނިކުރާނެ ތަނަވަސް ފިރިހެނަކުވެސް ހޯދައިދީ އަޅުގަނޑަށް އުފާވެރި ދިރިއުޅުމެއް ހޯދައިދިނެވެ. 

އަޅުގަނޑަކީ އަބަދުވެސް ނަމާދުކޮށް ޛިކުރުކުރި އަންހެނަކީމެވެ. ނުކައި އިންނަންވެސް ކެތްތެރިކަން ލިބުނީ އެކަމުގެ ސަބަބުންނެވެ. އަދި އުފާވެރި ދިރިއުޅުމެއް ލިބުނީވެސް ﷲ ދެއްވެވުމުންނެވެ. 

މިވާހަކައަކީ އަޅުގަނޑުގެ ރައްޓެއްސަކު ޙިއްޞާކުރި ވާހަކައެކެވެ. މިއީ ރާއްޖޭގައި ހިނގާފައިވާ ކަމެއް ނޫންނަމަވެސް ރާއްޖޭގައިވެސް މިބާވަތުގެ ފިރިން މަދެއް ނޫނެވެ. ލޯބިނުވެ ލޯބިވާކަމަށް ހެދިގެން އަދި ޙަޤީޤަތް އޮޅުވާލައިގެން މުސްކުޅި އަންހެނުން އަތުން ފައިސާ ހޯދައިގެން އުޅޭ ފިރިހެނުން މަދެއް ނޫނެވެ. 

މިއަދުނޫހުގެ ކިޔުންތެރިންނަށް އަޅުގަނޑު ފާހަގަކޮށްލަން ބޭނުން އެންމެ މުހިންމު އެއް ކަމަކީ އެ ފިރިހެން މީހާގެ ހިތުގައި އަނބިމީހާ އާއި ދަރިފުޅަށް އެއްވެސް ރަޙުމެއް ނެތްކަމެވެ. އެންމެކުޑަމިނުން ކާއެތިކޮޅުވެސް ނުދީ ހުންނަން ކެރުނު ކަމެވެ. މިއީ ވަރަށް ހިތާމަހުރި ކަމެކެވެ. ހިތެއް އޮތް އިންސާނަކު މިހައި އަނިޔާވެރިއެއް ނުވާނެއެވެ. 

ދެން ފާހަގަކޮށްލަން ބޭނުންވަނީ ކިތަންމެ ދަތިޙާލުގައިވެސް ﷲ އަށް އަދާކުރަންޖެހޭ ކަންކަން އަދާކުރަމުންދާނަމަ އެމީހަކަށް އުފާވެރިކަން ދެއްވަވާނެ ކަމެވެ. ފިރިމީހާ އޭނާއަށް ނުބައިކޮށް ކަންކަން ކުރުންވެގެން އެދިއައީ އޭނާއަށް ރަން ދުނިޔެއެއް ފެނުނު ސަބަބުކަމުގައެވެ. 

- ޢާސިމާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން